ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނެގުމުގެ ހުއްދަ އައްޑޫގައި ހުންނަ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ނުދީގެން ނުނެގުނު ސާމްޕަލް ނަގަން މިހާރު އެޗްޕީއޭއިން ހުއްދަ ދީފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތް ހުރި މީހަކު އެ ހޮސްޕިޓަލުން މިއަދު ޓެސްޓެއް ނުކުރެއެވެ. އެއީ އެ ހޮސްޕިޓަލަށް ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އެޗްޕީއޭއިން އޭރު ދީފައި ނުވާތީއެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލަށް އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަމަށާއި މީހާރު ސާމްޕަލް ނެގުމުގެ ކަންތައް ކުރިއަށް ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ، އިންޑިއާގެ ކޮޗިންއިން ރާއްޖެއަށް އައިސްފައިވާ ކަމުގެ ޓްރެވަލް ހިސްޓްރީ ހުރި މީހަކު އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ބަލިވެ ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދިޔައީ އެ ހޮސްޕިޓަލްގެ އީއާރަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހާއަށް ފަރުވާ ދިނުމަށް ދިޔަ 2 ނަރުހުންނާއި ޑޮކްޓަރުން ފުރަތަމަ އެޓެންޑްވީ ރައްކާތެރިކަމުގެ ގިޔަރުގައި ނޫންކަމަށާއި، އެހެންވެ، އެމީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެން ޑޮކްޓަރާއި ދެ ނަރުހުން ގޭގައި އެކަހެރި ކޮށްފައިވާ ކަމަށް ވެސް މަބުރޫކު ވިދާޅުވިއެވެ.

މަބްރޫކް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ، ހުން އައިސްގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހާގެ އަދި ސާމްޕަލް ނުނަގާ ކަމަށެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހާއާއި ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރާއި ދެ ނަރުހުން މިހާރު ތިބީ ގޭގައި ކަމަށް ސޯދިގް ވިދާޅުވިއެވެ. އެހެންކަމުން މަބްރޫކް އަދި އެޗްޕީއޭއިން ރައްޔިތުންނަށް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް ގޮވާލައްވާ ސޯދިގް ވަނީ، މިހާލަތަށް ދިއުމުން ޝައްކު ކުރެވޭ އެންމެން ކަރަންޓީން ކޮށް ޓެސްޓު ކުރުމަށް ވެސް ގޮވާލައްވާފައެވެ.

ހަމައެއާއެކު މި މައްސަލައާ ގުޅިގެން މިވަގުތު އައްޑޫ ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށާއި، އެޗްޕީއޭއިން ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ޔަގީންކަން ދިނުމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ލަސްނުކޮށް އަވަހަށް އެޅުމަށް ސޯދިގް ގޮވާލެއްވިއެވެ.

މީގެ އިތުރުން މިއީ ސިޔާސަކޮށް ފިރުނަ އުފައްދަން އަދި ފަހުމު ނުވާތީ ކުރި ޓްވީޓެއް ނޫން ކަމަށް ސޯދިގް ވިދާޅުވިއެވެ. މިއަދު ދިމާވި ހާދިސާއަށް އަލިއަޅުއްވާލައްވަމުން ސޯދިގް ވިދާޅުވީ، ލޯ ރިސްކް ކަމަށް ބުނެ އެންމެން ގެއަށް ފޮނުވާލީ ކަމަށާއި އައިސޮލޭޓް ނުކުރާ ކަމަށެވެ. އަދި 24 ގަޑިއިރުވީ އިރު ސާމްޕަލް ނެގުމަށް އަމުރު ނުލިބޭ ކަމަށާއި، ދެން އެންމެ އަވަހަށް ޓެސް1ޓު ހެދޭނީ މާދަމާ ފްލައިޓުން ސާމްޕަލް މާލެއަށް ފޮނުވާއިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެންމެންވެސް ޒިންމާދާރުވާން ޖެހޭ ކަމަށް ސޯދިގް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މަބްރޫކް ވިދާޅުވި ވާހަކއެއް ވަނީ ސޯޑިގް ދޮގު ކުރައްވާފައެވެ. އެއީ ކޮވިޑް19 އާ ގުޅިގެން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ބަންދުކުރުމަށް އައްޑޫ ސިޓީން އެންގީ އެޗްޕީއާއެކު މަޝްވަރާ ނުކޮށް ކަމަށް މި މަހުގެ 26 ވަނަ ދުވަހު މަބްރޫކް ވިދާޅުވުމުންނެވެ. އެކަމަށް ރައްދު ދެއްވަމުން ސޯދިގް ވިދާޅުވެފައި ވަނީ، އައްޑޫގެ ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫގެ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލުން ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް ސޯދިގް ވަނީ ވިދާޅުވެފައެވެ.