ކޮވިޑް-19އާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބާއްވަން ތައްޔާރުވެ ފުރަތަމަ ޖަލްސާ މާދަމާ އޮންނާނެއެވެ.

އިންޑިއާގެ މީޑިއާއެއް ކަމަށްވާ "ޒީ މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ބަޔަކު ތިބީ އައިސޮލޭޝަންގައި ކަމަށެވެ. އެ މީހުންގެ ތެރޭގައި މަޖިލީހުގެ ގާނޫނުހަދާ މެންބަރުން ތިއްބެވިކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ޑިމޮކްރަސީގައި މުއައްސަސާތަކުގެ މަސައްކަތް ހުއްޓިގެން ނުވާނެ ކަމަށާއި ރާއްޖޭގެ މަޖިލިސް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވުމައް ނިންމަވާފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އާންމު އުސޫލުން ކުރިއަށް ގެންދަވާނެ ކަމަށެވެ. ތަފާތު ބަދަލަކަށް ފެނިގެންދާނީ މެންބަރުން މަޖިލީހަށް ވަޑައިނުގެން އޮންލައިންކޮށް މަސައްކަތް ކުރައްވާ ގޮތައް ހަމަޖެހުން ކަމަށްވެސް ޒިޔާއު ވިދާޅުވެފައި ވެއެވެ.

އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވާ ފުރަތަމަ ގައުމަކަށް ރާއްޖެވެފައިވާއިރު، ކޮވިޑް-19އާ ކުރިމަތިލުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގުޅިފައިވާ އިއްތިހާދު (ސާކް) ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކުރައްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްކޮށް ހުންނަވައިގެން ވަނީ މިމަހުގެ 15 ވަނަ ދުވަހު ޓެލެކޮންފަރެންސެއްވެސް ބާއްވާފައެވެ. އެ ޓެލެ ކޮންފަރެންސްގައި ސާކުގެ 8 ގައުމުގެ ތެރެއިން 7 ގައުމެއްގެ އެންމެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.