ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުންދާ "އާތް އަވާ" މިއަހަރު ސިއްހީ ހިދުމަތްތެރިންނަށް ހާއްސަކޮށްފިއެވެ.

އުރީދޫން ބުނީ އެ ހަރަކާތް ބާއްވަން މި އަހަރު ހަމަޖައްސާފައި ވަނީ، މިރޭ 8:30 އިން 9:30 އަށް (އެއް ގަޑިއިރައް) ކަމަށެވެ. ބޮކިތައް ނިއްވާލައި ކޮވިޑް-19 އިން އަރައިގަތުމަށް ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ކުރުމަށް އުރީދޫއިން ރާވާފައިވާ އިވެންޓެއް ކަމަށްވެސް އުރީދޫން ބުނެއެވެ.

އެގޮތުން ދުނިޔެ ހޫނުވުމާއި ދެކޮޅަށް ހިންގޭ ހަރަކާތް ކުރިއަށްދާ ވަގުތުގައި، ގޭގޭގެ ބޮކިތައް ނިއްވާލައި އަދި ހަމަ އެވަގުތުގައި ގޭގައި ތިއްބަވައިގެން ސިއްހި ހިދުމަތްތެރިންގެ އަގު ވަޒަންކޮންލުމަށް ރައްޔިތުން ގުޅިގެން "ކްލެޕް" އެއް ކޮށްލައި ހިތްވަރުދިނުމަށް ރޭވި ހަރަކާތެއް ކަމަށެވެ.

މި ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ #ClapforHeroesMv ގެ ނަމުގައެވެ. މިހަރަކާތަކީ އާތް އަވާ މޯލްޑިވްސާއި ސުކައުޓް އެސޯސިއޭޝަނާއި އުރީދޫ މޯލްޑިވުސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެވެ.

ދުނިޔެއަށްޓަކައި ހުރިހާ ދިއްލުންތައް ނިއްވާލައި މަދުވެގެން އެއްގަޑިއިރު ފާހަގަކުރުމަށް، ކޮންމެ އަހަރެއްގެ މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަސް ވަނީ ހާއްސަކޮށްފައެވެ.

ޖައްވު ހޫނުވުމުގެ މައްސަލަތަކާއި ގުޅިގެން ދިމާވާ ތިމާވެށީގެ މައްސަލަތަކަށް ލުޔެއް ހޯދުމަށް ފަށާފައިވާ "އާތު އަވާ" ކެމްޕެއިން އަކީ، 2007 ވަނަ އަހަރުން ފެށިގެން ވޯލްޑް ވައިލްޑްލައިފް ފަންޑް އާއި ސިޑްނީގެ ނޫސް މަޖައްލާއެއް ކަމަށްވާ "ދަ ސިޑްނީ މޯނިންގް ހެރަލްޑް" ގެ އިސްނެގުމުގެ މަތިން ފަށާފައިވާ ހަރަކާތެކެވެ.