މުޅި ދުނިޔެ ސިއްސުވާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާގެ ވޫހާން ސިޓީ، 2 މަހެއްހާ ދުވަހު ހަރުކަށި ލޮކްޑައުންއެއްގައި އޮތުމަށްފަހު މަޑުމަޑުން އެ ފިޔަވަޅުތައް ވީއްލަން ފަށައިފިއެވެ.

އެގޮތުން މިއަދު ވަނީ ވޫހާންގެ މެޓްރޯ ސްޓޭޝަންތަކުގެ ތެރެއިން ބައެއް ސްޓޭޝަންތަކުގެ އޮޕަރޭޝަންތައް ފަށާ، ބޯޑަރު ހުޅުވާލާފައެވެ. މިއާއެކު އާންމު ހާލަތަށް ރުޖޫއަވެ، އާ ހަޔާތެއްގެ ފެށުން އަންނަން އުޅޭ ކަމުގެ އިހުސާސްތައް އެ ސިޓީއިން ދަނީ ފެންނަމުންނެވެ. ކޮވިޑް-19ގެ ފިޔަވަޅުތަކާއެކު ދެތަންވި އާއިލާތައް އެއްތަންވުމުގެ ފެހި ސިގުނަލްތައް މިހާރު ދަނީ ލިބެމުންނެވެ.

އާންމު ދިރިއުޅުމުގެ ހާލަތަށް ވޫހާން ރުޖޫއަވަމުންދާ މަންޒަރުތަކަކީ، ކޮރޯނާވައިރަސް ޑިޒީޒް އާ ދެކޮޅަށް ޗައިނާއިން ކުރި ވަރުގަދަ ހަނގުރާމައަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އައިސްފައިވާކަމުގެ ރަމްޒެއް ކަމަށް ސިފަކުރާ މީހުންވެސް މަދެއް ނޫނެވެ.

ވޫހާންއަށް މިއަދު ވަދެގެން އައި ހައި-ސްޕީޑް ރޭލުގައި އިން އެކަކީ ގާނޫނީ ވަކީލުކަން ކިޔަވަމުންދާ، އުމުރުން އެންމެ 19 އަހަރުގެ ގުއާއޯ ލިއާންގްކީއެވެ. މަސައްކަތު ދަތުރެއްގައި 1 މަސްދުވަހަށް ޝަންހާއީއަށް ކުރި ދަތުރު 3 މަސްދުވަހަށް ދިގުލާ ދިޔައީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ތަންފީޒުކުރަން ފެށި ހަރުކަށި ފިޔަވަޅުތަކާއެކުގައެވެ.

ޗައިނާގެ ވޫހާންއޭ ކިއުނު ސަރަހައްދުން ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހުގެ އަސަރު ތައިލޭންޑްއާ ޖަޕާނުންވެސް ވަނީ ފެނިފަ/ފޮޓޯ: ފްލިޕްބޯޑް

މައި ސްޓޭޝަނުން ގުއާއޯއަށް އެންމެ ފުރަތަމަވެސް މަރުހަބާ ކިއީ އޭނާގެ މަންމައެވެ. ގުއާއޯ ބުނީ އޭނާގެ އާއިލާއާއި ބައްދަލުވީތީ އިންތިހާއަށް އުފާކުރާ ކަމަށެވެ. މަންމަ ގައިގައި ބައްދާލަން ބޭނުންވާކަމަށާ، ނަމަވެސް މިއީ އެފަދަ ކަމަކަށް އެންމެ ރަނގަޅު ވަގުތު ނޫންކަންވެސް ގުއާއޯ ވަޏީ ފާހަގަކޮށްފައެވެ.

ވޫހާން ހިމެނޭ ސަރަހައްދަކީ ގާތްގަނޑަކަށް 11 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ސަރަހައްދެއް ކަމަކު މުޅި ސަރަހައްދު ފުރިހަމަ ލޮކްޑައުންއަކަށް ގެނައުމުގެ ހަރުދަނާ ފިޔަވަޅު ޗައިނާއިން އެޅިއެވެ. ޗައިނާގެ ކޮވިޑް-19އާ ގުޅިފައިވާ ކޭސްތަކުގެ 60 ޕަސެންޓް ހިއްސާކުރަނީ ވޫހާންއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މިއަދު އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 54 ކޭހެކެވެ. އެއީ މުޅިންވެސް ޗައިނާއަށް އިމްޕޯޓްވި ކޭސްތައް ކަމަށް އެފަރާތުން ވަކާލާތުކުރެއެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް-19އަކީ ބަލީގެ އަލާމާތްތައް ނުފެނިވެސް އަނެކުންނަށް ފެތުރިގެންދާ ވައިރަހަކަށް ވާއިތު، މިފަދަ ގޮތަކަށް ވޫހާން ހުޅުވާލުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ. ކަންމިހެން އޮތްއިރު، ވޫހާން އަދިވެސް މުޅިން އާންމު ހާލަތަކަށް ގެނެސްފައެއް ނުވެއެވެ. ފިހާރަތަށް ހުރީ ލައްޕާފައެވެ. މަގުގެ އެކި ހިސާބުގައި ރީނދޫ ބެރިކޭޑްތައް ހުރީ ޖަހާފައެވެ. މުޅި ސިޓީ އާންމު ހާލަތަކަށް ގެނެސް، ވޫހާންއިން ބޭރަށްވެސް ދަތުރުކުރެވޭ ގޮތަށް ލޮކްޑައުން އުވާލާނީ އަންނަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުއެވެ.