ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލަމާތްތައް ހުރެގެން އާކް ނޯބަލް ސަފާރީއިން ދިވެއްސެއްގެ ސާމްޕަލް ނަގައި، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލަމާތްތައް ހުރެގެން އެ ސަފާރީއިން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ސަފާރި މިހާރު ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

އޭގެއިތުރުން ތާޖް އެގްޒޮޓިކާ ރިސޯޓުންވެސް ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލަމާތްތައް ހުރެގެން ދިވެއްސެއްގެ ސާމަޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެރަށްވެސް މިހަރުވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ. އަދި މޮނީޓަރިންގެ ހާލަތަށް ގެނެވުނު އެހެން ރަށްތަކުން ސާމްޕަލްތައް ލިބި އޭގެ ޑޮކިއުމަންޓުތައް ހަވާލުކުރެވެން ދެން އެރަށްތައް ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 16 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އޭގެތެރެއިން 2 މީހަކީ އިޓަލީގެ ދެ ފަތުރުވެރިން ނެވެ. އަދި އެ ދެ މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދެމުންދިޔަ 14 މީހުންގެ ތެރެއިން 11 މީހަކު މި ބަލިން ރަނގަޅު ވެފައި ވާއިރު، މިހާރު އެ ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ. އޭގެތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ދިވެހި މީހާގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.