ދަރަވަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނަގއިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދަރަވަންދޫ އިރުމަތީ ފަރާތު ކުނި ގޮނޑުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 12:50 ހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މިހާދިސާއާ ގުޅިގެން ދަރަވަންދޫ ޕޮލިސް ޑެސްކާއި ދަރަވަންދޫ އެއާޕޯޓްގެ ފަޔާ އެންދް ރެސްކިއުގެ އެހީތެރިކަމާއެކު މިއަދު 1:25 ހާއިރު އަލިފާންގަނޑު ނިއްވަލާފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދަރަވަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިއަދު މެންދުނު މާލޭ ގުދަނަކުން ފުން އަރާތީ އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ހ. އަބަދަށްފެހި މަގުގައި ހުރި ނިއު ކެއާ އިންވެސްޓްމަންޓުގެ ގުދަނުން ދުން އަރާތީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ގޮސް ބެލި އިރު ދުން އެރީ ޖެހިގެން ހުރި ގޭގެ 2 ވަނަ ފަންގެފިލާގައި އުޅޭ ބޭރު ބަޔަކު ކުކުޅު ފިހަން އަވަން ޖައްސައިގެން އުޅެނިކޮށް ގުދަނަށް ދުން ވަދެގެން ކަމަށެވެ.