ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވާ މީހުންގެ ފުއްޕާމެއަށް ވާ ގޮތް ދައްކުވާދޭ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް އެމެރިކާގެ ޑޮކްޓަރަކު އާންމުކޮށްފިއެވެ.

އެމެރިކާގެ ޖޯޖް ވޮޝިންގްޓަން ޔުނިވާސިޓީ ހޮސްޕިޓަލުގެ ޗީފް އޮފް ތޮރޭސިސް ސާޖަރީ ޑރ ކީތް މޯޓްމަން އާންމުކޮށްފައިވާ މި ތްރީޑީ ވީޑިއޯއިން ފެނިގެންދަނީ ކޮވިޑް-19ގެ ޝިކާރައަކަށްވި، އުމުރުން 59 އަހަރު ފިރިހެނެއްގެ ފުއްޕާމެއެވެ.

މި ޕޭޝަންޓަކީ މީގެ ކުރިން ބަލީގެ އެއްވެސް އަލާމާތެއް ބޭރު ފުށުން ފެނުނު މީހެއް ނޫނެވެ. ނަމަވެސް މިހާރު އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ފުއްޕާމޭ ފެއިލްވަމުންދާއިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްވެސް ނުކުރެއެވެ. ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ޑރ ކީތް މޯޓްމަން ވިދާޅުވާ ގޮތުގައި ލޭ މައްޗަށް ދިއުން ފިޔަވާ ސިއްހީ އިތުރު އެއްވެސް ބައްޔެއް އެ ޕޭޝަންޓްގެ ކިބާގައި ކުރިއަކުން ނެތެވެ.