ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ކޮވިޑް-19އަށް ޝައްކުކުރެވޭ މީހަކު ފެނިގެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ހްލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ބުނީ، ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް އިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭން ބުނީ، އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން މި ރިސޯޓުވަނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަރާތްތައް ރާއްޖޭގެ އެކި ހިސަބުތަކުން ފެންނަމުންދާއިރު، އެޗްޕީއޭއިން ދަނީ އެމީހުންގެ ޓެސްޓު ހެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މިހާތަނަށް ބަލިޖެހިފައިވާ 13 މީހުން ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 8 މީހަކު ވަނީ ރަނގަޅުވެފައިވާއިރު، މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ ޖުމްލަ 5 މީހުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ދަނީ ގިނަ ފިޔަވާޅުތަކެއް އަޅަމުންނެވެ. އެގޮތުން މިރޭ 12:00 އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން މަޑު ޖައްސާލާފައިވާއިރު، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.