ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން ނިންމީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ވިދާޅުވެއްޖެއެވެ.

ސޯބެ ވިދާޅުވީ އައްޑޫގެ ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލުން ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ސޯބެ މިހެން ވިދާޅުވެފައިމިވަނީ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މަޝްވަރާނުކޮށް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިރެއިން ފެށިގެން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ. އައްޑޫގެ ކައުންސިލުން ވަނީ މި އެންގުމާއި ހިލާފުވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެ ކަމަށްވެސް ބުނެފައެވެ.