ބީއެމްއެލް އިސްލާމިކް އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ފައިނޭންސިން އަށް ފައިސާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްފިއެވެ.

ބީއެމްއެލް އިސްލާމިކުން މިކަން ހާމަކޮށް ނޫސްބަޔާނެއް ނެެރެފައި ވާއިރު، ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން އެ ބޭންކުން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

ބީއެމްއެލުން ބުނީ، މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލުން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ފައިނޭންސިން ތަކުގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ ޕާސަނަލް، ހައުސިން، އަދި ބިޒްނަސް ފައިނޭންސިންތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް މިމަހު 1 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް މިފުރުސަތު ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ބީއެމްއެލުން ފައިނޭންސިން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ފައިނޭންސިންއަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުން ކަމަށެވެ. އެގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ފައިނޭންސިންގެ ފައިސާ ފަހުންދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެއެވެ.

މީގެ އިތުރުން، ފައިނޭންސިން އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ފައިނޭންސިންގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް މި 6 މަސްދުވަހު ދަައްކާކަށް ނުޖެހޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. ނަމަވެސް މި 6 މަސް ދުވަހު ލޯނުގެ ފައިނޭންސިން އަށްވާ ފައިސާ ފައިނޭންސިންގެ އަދަދަށް އިތުރުކުރެވި ފައިނޭންސިންގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ.

ފައިނޭންސިންތަކުގެ ޕްރޮފިޓް/ލީސް ރޭޓް އަދި ފައިނޭންސިންގ އަނބުރާ ދެއްކުމުގެ މުއްދަތަށް ބަދަލެއް ގެނެވިފައި ނުވާއިރު، މިހާރުވެސް ފައިނޭންސިންއަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.