ރިސޯޓެއްގެ މުދަލަށް ގެއްލުންދޭނެ ކަމަށް ބުނި، މުވައްޒަފެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އިއްޔެގެ ވަގުތެއްގައި އަދާރަން ޕްރެސްޓީޖް ވާދޫ ރިސޯޓްގެ މުވައްޒަފަކު އެ ރިސޯޓްގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ އެ ރިސޯޓުގައި ހުއްޓާ ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މީހާ ހަމަނުޖެހުން ހިނގާފައިވަނީ ރިސޯޓުން މުވައްޒަފުން ފޭބުން މަނާކޮށްފައިވަނިކޮށް، ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ކަމަސް ބުނެ ރިސޯޓުން ފައިބަން ބޭނުންވާކަމަށް ރިސޯޓުގެ މެނޭޖްމަންޓުގައި އެދުމުން، އެޗްޕީއޭގެ އެންގުމާ ހިލާފަށް ރިސޯޓުން ނުދެވޭނެކަމަށް މުވައްޒަފަށް އެންގުމުން ކަމަށެވެ. އަދި އެޗްޕީއޭއާ ގުޅިގެން އެކަން ކުރިއަށް ގެންދަން ރިސޯޓުގެ މެނޭޖްމަންޓުން މަސައްކަތް ކުރަމުން ދަނިކޮށް އެކަމާ ހިތްހަމަނުޖެހިގެން ހަމަނުޖެހުން ހިންގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ މާފުށީ މެޖިސްޓްރޭޓް ކޯޓުގައި ދެންނެވުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެެ. ފުލުހުން ބުނީ މުއްދަތު ދީފައި ވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ޣައިރު ހާޒިރުގައި ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.