ކުރިއަށް އޮތް ރޯދަ މަހުގެ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށާއި އަދި އަންނަ ރޯދަ މަހުގެ އިނާޔަތް ހުރިހާ މުވައްޒަފުންނަށް ދެއްވާނެ ކަމަށެެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ރާއްޖެއިން ފެނުމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށް އޮތް 24 ގަޑިއިރަށް ފަހު ރާއްޖެ އަންނަ ފްލައިޓުތައް ހުއްޓުމަކަށް އަންނާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެގޮތުން އަންނަ ހުކުރު ދުވަހުން ފެށިގެން އޮންއެރައިވަލް ވިސާ ދިނުން މަޑުޖައްސާލާފައިވާ ކަމަށާއި، ސްކޫލާއި ކޮލެޖާ ޔުނިވާސިޓީ އަދި ސަރުކާރު އިދާރާތައް އަދި އިތުރު އެއް ހަފްތާއަށް ބަންދުކުރަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ލޮކްޑައުންގެ ހާލަތު އިއުލާން ކުރަމުންނެވެ. ރޯދަމަސް އަަންނަން މަސްދުވަހަށް ކުޑަތަން ވެފައިވާ މި ދަނޑިވަޅުގައި އިންޕޯޓް މުދަލުގެ މައްޗަށް ބަރޯސާވެފައިވާ ރާއްޖޭގައި ކާބޯތަކެތީގެ ދަތިކަމެއް އައިސްދާނެކަމަށް ލަފާކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ، މިހާރު އެއް މަސްދުވަހަށް ވާވަަރަށް ކާޑުގެ ބާވަތްތަކުގެ ސްޓޮކް ރަށްރަށުން ލިބެން ހުންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 10 މަސްދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު ސްޓޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި 6 މަސްދުވަހަށް ވާވަރަށް ފުށް ސްޓޮކް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލޮކް ޑައުންގެ ހާލަތަކަށް ދިޔަ ނަމަވެސް މިވަގުތަކީ ހުރިހާ ރައްޔިތުންވެސް ކެތްތެރިވާން ޖެހޭ ވަގުތު ކަމަށާއި ސަރުކާރުގެ ނިންމުންތަކާ އެއްގޮތަށް ހުރިހާ ފާރާތްތަކުންވެސް އަމަލު ކުރަމުން ގެންދިއުމަށް ރައީސް ގޮވާލެއްވިއެވެ. އަދި މިވަގުތު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މިބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 8 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން ދަނީ 5 މީހުންނަށެވެ.