ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގިނަ ބަޔަކު ގޭގައި ތިބެން ޖެހިފައި ވާއިރު އިންޓަނެޓާ މުވާސަލަތީ އެކި ހިދުމަތްތަކުގެ އަގަށް ލުޔެއް ނުދޭތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުސަހަޅުއްވާފައި ވުމުން އެކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ފާޑު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔަތުން އިތުރަށް ހާސްކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކުގެ ވެރިން މަޖިލީހަށް ގެންގޮސް އިންޓަނެޓު އަގުހެޔޮ ކުރާ ވާހަކަ ނުދެއްކިއަސް "ވަރިހަމަ" ކަމަށެވެ.
"މަޖްލިސް ބަންދުކުރި ވާހަކަ ދައްކާފައި، މެމްބަރުންގެ އަޑެއްބަޑެއް ނުއިވޭ ވާހަކަ ބަޔަކު ބުނީތޯ. ރައްޔަތުން އިތުރަށް ހާސްކުރަން ސަރުކާރުގެ އޮފީސްތަކުގެ ވެރިން ގެންގޮސްގެން އިންޓަނެޓު އަގުހެޔޮ ކުރާ ވާހަކަ ނުދެއްކިއަސް ވަރިހަމަ. ބިލަށް ދައްކަން ފައިސާ ލިބޭނީ ވެސް ޑޮކްޓަރުން ބުނާ ގޮތް ހަދައިގެން،" މޫސަ ވިދާޅުވިއެވެ.
މޫސަގެ މިވާހަކަ އަމާޒު ވަނީ، މަޖިލީހަށް ބަޔަކު ހާޒިރުކޮށް އެއްމޭޒެއް ދޮށުގައި ގާތްގާތުގައި ތިބޭ ނަމަ، އިޖުތިމާއީ ގައިދުރުކަން ނޯންނާނެތީކަމަށް ގަބޫލުކުރެވެއެވެ. ސޯޝަލް ޑިސްޓޭންސިން ނުވަތަ އިޖުތިމާއީ ގައިދުރުކަމަށް ޑޮކްޓަރުންނާއި ސަރުކާރުން ގޮވާލަމުން ދާއިރު، މަޖިލީހުގެ ކޮމެޓީ ބައްދަލުވުންތައް އެ ގޮތަށް ނުގެންދެވިއްޖެ ނަމަ އެކަމުގައި "ގައިދުރުކަން" ގެއްލޭނެއެވެ.
މީގެއިތުރުން ވެސް މޫސަ ވަނީ ފުލުހުންނާއި ސިފައިން މަގުމަތީގައި އުޅެމުން އަންނާތީ އެކަމަށް ވެސް ފާޑު ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން މޫސަ ވިދާޅުވީ ދުނިޔޭ ހުރިހާ ސިޓީތަކެއްހެން މީހުން ނުކުމެ އުޅުން މަނާ ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޑޮކްޓަރުން ވެސް ރައްޔިތުން މަގުތަކަށް ނުނިކުތުމަށް އެދި އާދޭސް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ މޫސަ ވަނީ ސިފައިންނާ ފުލުހުން ނުކުމެ އެކަން ނުހުއްޓުވަނީ ޑޮކްޓަރުންނަށް ވުރެ ފުލުހުންނާ ސިފައިންނަށް މިކަން މޮޅަށް އެނގޭތޯ ސުވާލު އުފައްދާފައެވެ.
ރާއްޖޭގައި ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވިއެވެ. އޭގެތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅު ވެފައި ވާއިރު ސަރުކާރުން ވަނީ ރަނގަޅުވެފައިވާ މީހުންގެ އަދަދަށް ބަލާ މިކަން "ލުއި" ކޮށް ނުނެގުމަށް އިލްތިމާސް ކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނަމުން ދަނީ އެންމެ މީހެއް ކުރާ އަމަލެއްގެ ސަބަބުން ވެސް މުޅި ގައުމަށް އެކަމުގެ އަސަރު ކޮށްފާނެތީ ކަމަށެވެ.