ރޮހިންޏާ މައްސަލައާއި ގުޅިގެން ގެންބިއާގެ ފޮރިން މިނިސްޓަރު އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ހިޒް އެކްސެލެންސީ ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

‎އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ފަރާތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައި ދިނުމުގެ މައްސަލައަށް ދިވެހި ރާއްޖެއިން ތަދައްހުލްވުމަށް ނިންމަވާފައިވާ ނިންމުމަށް މިނިސްޓަރު ޝާހިދު އަލިއަޅުވާ ލެއްވިއެވެ.

މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށާއި، މިމައްސަލައިގައި ގެމްބިއާ އާއެކު ދިވެހިރާއްޖެ އިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ރާއްޖެއިން ކުރިއަށް ގެންދާ ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދިޔުމުގައި ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯދަމުން ގެންދަވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ޝާހިދު އެރުވިއެވެ.‎

މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުންދާ މައްސަލައެއްކަމަށާއި، މިމައްސަލައަށް ރާއްޖެއިން‎ ތަދައްހުލުވީ އެ މަސައްކަތުގައި އިތުރަށް އަމަލީގޮތުން ބައިވެރިވުމުގެ މަގްސަދުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

‎މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްޤުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރ ޝާހިދު ވަނީ ހިތްވަރު ދެއްވާފައެވެ.