ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ގިނަ ބަޔަކު ގޭގައި ތިބެން ޖެހިފައިވާިއރު އިންޓަނެޓާ މުވާސަލަތީ އެކި ހިދުމަތްތަކުގެ އަގަށް ލުޔެއް ނުދޭތީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރަން މީކާއިލް އެދިވަޑައިގެންފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މިރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވަނީ މިކަމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި އޭނާ އެދިވަޑައިގެންފަައި ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ވެރިން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެގޮތަށް އޭނާ އެދިވަޑައިގަތީ، އެ އޮތޯރިޓީ އަކީ ޓެލެކޮމިއުނިކޭޝަން ހިދުމަތްތައް ރެގިއުލޭޓްކޮށް، އެ ހިދުމަތްތަކުގެ އަގު ކަނޑައެޅުމުގެ ބާރު، ގާނޫނުން ލިބިދީފައިވާ އޮތޯރިޓީއަށް ވާ އިރު، އެ ހިދުމަތްތަކުން ލުޔެއް ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވަމުންނެވެ.

ކޮވިޑް-19 ރާއްޖެއިން ފެނި 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އާންމު ރައްޔިތުން ގޭގައި މަޑުން ތިބުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. އަދި ގޭގައި ތިބެގެން ބައެއް އޮފީސްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހަދާފައި ވީ ނަމަވެސް، ރާއްޖޭގައި ދެމުންދާ އިންޓަނެޓުގެ ސްޕީޑު ދައްވުމުވުން މަސައްކަތްތަކަށް ބުރޫ އަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިންޓަނެޓް "ސްލޯ" ވުމުގެ ޝަކުވާއަކީ ދިވެހިންގެ ގިނަބަޔަކު އަބަދުވެސް ކުރަމުން އަންނަ ހައްލެއް ލިބިފައި ނުވާ ޝަކުވާއެކެވެ. މި ދުވަސްވަރު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުން ގޭގޭގައި ތިބުމަށް އަންގާފައިވާ ދުވަސްވަރަކަށް ވާ އިރު، ސްކޫތަކުގެ ދަރިވަރުންގެ އޮންލައިން ކިޔެވުމުގައާއި، އޮފީސްތަކުގެ މަސައްކަތްތުގައާއި، އަދި ގޭގައި ތިބޭ އިރު އިންޓަނެޓް ބޭނުން ކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުން އިންޓަނެޓުގެ ސްޕީޑް މަތި ނުކުރާ ތާނގައި އަގުވެސް ހެޔޮނުކުރާކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.

އަދި އިންޓަނެޓުގެ އިތުރުން، ގިނަ ބަޔަކު ގޭގައި ތިބެ ބަލާ މީޑިއާނެޓުގެ އަގުވެސް ހެޔޮ ނުކުރާކަން ފާހަގަ ކުރެވެއެވެ.