ދުނިޔޭގައި ހަލުވި ކަމާއެކު ދެރިރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ އަށް ޔޫއޭއީގައި ހުރި ދިވެއްސަކު ޕޮޒިޓިވް ވެއްޖެއެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) މިނިސްޓްރީ އޮފް ހެލްްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލީޖް ޓައިމްސް އިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް އަށް ދިވެއްސަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ.
ޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ، ހާލީޖު ޓައިމްސް އިން ބުނީ، އެ ގައުމުން މިއަދު އަލަށް ފެނުނު ކޮރޯނާވައިރަހުގެ 50 ކޭހުގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަން ކަށަވަރު ކޮށްދީފައިވާ ނަމަވެސް އޭނާ އާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ހާލިޖް ޓައިމްސުން ބުނެފައި ވަނީ މިއަދު އެ ގައުމުން ޕޮސިޓިވް ވެފައިވާ ގިނަ މީހުންނަކީ މީގެ ކުރިން އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ބައްދަލު ވެފައިވާ މީހުންނާއި، ވަރަށް ގާތުން އެކުގައި އުޅެފައިވާ މީހުން ކަމަށެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޔޫއޭއީގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވާތީ އެކަން ބަލަމުންދާ ކަމަށެވެ.
ޔޫއޭއީގައި ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުން ދާއިރު، ގިނަ މީހުން ވަޒީފާ އަދާކުރަމުން ދަނީ އޭވިއޭޝަން ދާއިރާގައެވެ. އޭގެ ތެރޭގައި ޕައިލެޓުންނާއި، އެއާކްރާފްޓް އިންޖިނިއަރުންނާއި، އޭވިއޭޝަން ދާއިރާގެ އެހެން ވަޒީފާތައް އަދާކުރާ މީހުން ހިމެނެއެވެ. މިއަދު ދިވެއްސަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެ ގައުމުން ކަށަވަރުކޮށްދީފައި ވާއިރު، މިއަދު އެގައުމުން ޕޮޒިޓިވް ވެފައިވާ ދިވެއްސަކީ ޔޫއޭއީގައި ވަޒީފާ އަދާކުރާ ދިވެއްސެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލައިރު، މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ޖުމްލަ 13 މީހުން ޕޮޒިޓިވް ވެފައިވާ އިރު 5 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ހޯދަމުންދާ 8 ފަރާތެއް ހުރި އިރު އެމީހުންގެ ހާލު ރަނގަޅު ކަމަށް އެޗްޕީއޭއިން ބުނެއެވެ.