އަޅުކަމުގެ ދަތުރަކަށްފަހު ސާދާތު ހާން، ސައުދީ އަރަބިއްޔާއިން ޕާކިސްތާނަށް ދަތުރުކުރީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އުމުރުން 50 އަހަރުގެ ސާދާތު ހާންއަށް އޭނާގެ އަވަށުން ކީ ހޫނު މަރުހަބާއެކެވެ. ބޮޑު ޖާފަތަކާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 2000އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މީގެ ތެރޭގައި، ބައްދާލައިގެންނޭ ބުނާ އުސޫލުން އޭނާއަށް މަރުހަބާ ކީ މީހުންވެސް މަދެއް ނޫނެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. މާޗް މަހުގެ 18 ވަނަ ދުވަހު، ސާދާތު ހާން މި ދުނިޔެއަށް އެންމެ ނޭވާ ދޫކޮށްލިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވާ މީހުންނަށް ފަރުވާ ދިނުމަށް ޕާކިސްތާނުގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ މަރުދާނުގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފިސިލިޓީ ހަމަ ހަގީގަތުގައިވެސްވީ ސާދާތު ހާންގެ މަރުގެ ދާނަށެވެ.
ސާދާތް ހާން ވަކިވެގެންދިޔަ ދުވަހަކީ، ކޮވިޑް-19އަށް އޭނާ ޕޮޒިޓިވްވިކަން ކަށަވަރުވި ދުވަސްވެސްމެއެވެ.
220 މިލިއަން މީހުންގެ އާބާދީއެއް އޮތް ޕާކިސްތާނުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، ސާދާތް ހާންއަކީ މި ބަލީގައި އެގައުމުން މަރުވި ފުރަތަމަ މީހާއެވެ.
ހުސްވި ހަފުތާގައި ޕާކިސްތާނުން ރިޕޯޓްކުރީ 22 ކޭސް ކަމުގައި ވީ ނަމަވެސް، މިހާރު މިއަދަދު ވަނީ 892 އަށް އަރާފައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މިކަން މިހެން މެދުވެރިވެފައިވަނީ މެދުއިރުމަތީގައި ހަލުވިކަމާއެކު ކޮވިޑް19-ފެތުރެމުންދާ އީރާނުން އައި މީހުންގެ ސަބަބުންނެވެ. ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެކަށީގެންވާ ގޮތެއްގައި މިމީހުން ޓެސްޓުކޮށްފައި ނުވާއިރު، އައިސޮލޭޓްކުރުމުގެ ކަންކަންވެސް ހުރީ އެންމެ ފުރިހަމައަކަށް ނޫނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އެތައް ގުނަ އިތުރުވެދާނެ ކަމަށްވެސް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ.
ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުގައި މާ ބޮޑު ހޭލުންތެރިކަމެއް ނެތެވެ. ނުވިތާކަށް މާލީ ގޮތުން އިނދަޖެހިފައި އޮތް މިލްކިއްޔާތެއް އޮތް ސަރުކާރުވެސް އޮތީ މިކަމަށް ތައްޔާރުވެފައި ނޫންކަމަށްވެސް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ. ކަރަންޓީނު ފެސިލީޓީ ހޯދުމުގައި ދަތިތަކެއް ހުރިއިރު، އެކަށީގެންވާ ގޮތެއްގައި ޓެސްޓުކުރާނެ ލެބްތަކެއްވެސް ނެތެވެ.
ކަރާޗީގެ އިންޑަސް ހޮސްޕިޓަލުގެ އިންފެކްޝަސް ޑިޒީޒަސް ޑިޕާޓްމަންޓްގެ އިސްވެރިޔާ ޑރ ނަސީމު ސޮލާހުއްދީން ބުނީ، ސިންދް ޕްރޮވިންސްއަކީ އެންމެ ނުރައްކާ ބޮޑު ސަރަހައްދެވެ. އޭނާ ބުނި ގޮތުގައި ކަރާޗީގެ ގިނަ ހޮސްޕިޓަލުތައް މިހާރު އޮޕަރޭޓްކުރަމުންދަނީ ފުލް ކެޕޭސިޓީގައެވެ. އަނެއް ބައި ހޮސްޕިޓަލުތަކަށް މަޖުބޫރުވެފައިވަނީ އިތުރު ޕޭޝަންޓުންނަށް ހިދުމަތް ކުރެވޭނެ ގޮތެއް ނެތި، ދޮރުތަކުގައި އަޅުވާށެވެ.
ޑރ ނަސީމު ބުނާ ގޮތުގައި ކުރިމަތީގައި އޮތީ ކޮވިޑް-19ގެ ބަލިމަޑުކަން ހުޅުގަނޑެއް ފަޅައިގެންދާހާ ހަލުވި މިނެއްގައި ފެތުރިގެންދާނެ ދުވަސްތަކެކެވެ. އެހެންކަމުން މިހާރުން މިހާރަށް ބޯޑާ ކޮންޓްރޯލް ވަރުގަދަކޮށް، ކަރަންޓީނު ފިޔަވަޅިތައް ވަރުގަދަ ކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވަޒީރު ޒަފަރު މިރުޒާވެސް ވަނީ ޕާކިސްތާނުގެ ބައެއް ކަރަންޓީނު ފެސިލިޓީތަކަކީ އެންމެ އެކަށީގެންވާ ފެސިލިޓީތަކެއް ނޫންކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.
ސާދާތު ހާންގެ އެންމެ ފަހު ދުވަސްތަކަށް ބަލާއިރު ޕާކިސްތާނުގެ މަސްރަހު އިތުރަށް ނުރައްކާވެދާނެ ތަސްވީރު ވަރަށް ސާފެވެ.
ސާދާތުގެ ހަޔާތުން ކުރެހުނު ތަސްވީރު
އުމްރާގެ އަޅުކަން އަދާކުރުމަށް ސާދާތު ހާން ސައުދީ އަރަބިއްޔާއަށް ދަތުރުކުރީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އޭނާއަކީ މި ދުވަސްވަރު އުމްރާގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބުނު އެންމެ ފަހު މީހުންގެ ތެރޭފައި ހިމެނޭ މީހެކޭވެސް ބުނެވިދާނެއެވެ. ސައުދީއިން މިހާރުވަނީ އުމްރާ ވިސާ ދޫކުރުންވެއް ހުއްޓާލާފައެވެ.
ހާން ބެލި ޑޮކްޓަރުން އެއްކުރި މައުލޫމާތަށް ބަލާއިރު އޭނާ ވަނީ ސައުދީގައި 2 ހަފުތާއެއްހާ ދުވަސް ހޭދަކޮށްފައެވެ. ސައުދީގެ ޖިއްދާ އިންޓަނޭޝަނަލް އެއާޕޯޓުން ސާދާތު ހާން ފުރީ މާޗް 8 ވަނަ ދުވަހުއެވެ. ޕާކިސްތާނުގެ ޕެޝާވަރު އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ފޭބީ ޖެހިގެން އައި ދުވަހުއެވެ. އޭރުވެސް އޭނާއާއެކު އެ ފްލައިޓުން ދަތުރުކުރި 2 މީހަކު ބައްޔެވެ. އެ 2 މީހުންނަކީ އޭނާ ދަންނަ ބައެކެވެ. ޕާކިސްތާނަށް ފޭބުމާއެކުހެން އިތުރު ސިއްހީ ފަރުވާއަށް އެ 2 މީހުން ގެންދިޔައެވެ.
ޕާކިސްތާނުން ކޮވިޑް-19ގެ ކޭހެއް ފުރަތަމަ ފެނުނުތާ 2 ހަފުތާ ފާއިތުވި ނަމަވެސް ޕެޝާވަރުން ސާދާތުގެ މެޑިކަލް ސްކްރީނިންގްއެއް ހަދާފައެއް ނުވެއެވެ. ފުރާލަން ދިނީ ފޯމެއް އެކަންޏެވެ.
މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަ ދެއްކި ޕެޝާވަރު އެއާޕޯޓްގެ އޮފިޝަލަކު ބުނީ އެއްވެސް ކަހަލަ ބައްޔެއްގެ ނިޝާނެއް ހުރި ކަމަށް ސާދާތު ބުނެފައިނުވާކަމަށެވެ. ތާމަލް ކެމެރާ ބޭނުންކޮށްގެން ސްކްރީން ކުރި ކަމުގައި ވީ ނަމަވެސް، ހުންމަޑު ކުރާ ބޭސް ބޭނުންކޮށްގެން އެއާޕޯޓަށް އެތެރެވެފައި ހުރި ނަމަ، ސްކްރީނިންގްއަށް ފިލުމުގެ ފުރުސަތުވެސް ސާދާތަށް އޮތުން އެކަށީގެންވާކަމަށްވެސް އެ މުވައްޒަފު ވަނީ ބުނެފައެވެ.
އަވަށު ޖާފަތް
ސައުދީއިން އެނބުރި އައިފަހުން ސާދާތު ހާން އެންމެ ފުރަތަމަވެސް ހޮސްޕިޓަލަކަށް ދިޔައީ މާޗް 16 ވަނަ ދުވަހުއެވެ. އެއީ ހުންއައިސް، ކެއްސުމުގެ އިތުރުން ނޭވާލުމުގައި ދަތިތަކެއް ހުރެގެންނެވެ. ޑޮކްޓަރުން ނިންމީ ކޮވިޑް-19އަށް ޝައްކުވާ މީހެއް ކަމަށެވެ. އަދި އޭނާގެ ސާމްޕަލް ނަގާ، ޓެސްޓުކުރުމަށް އިސްލާމްއާބާދަށް ފޮނުވިއެވެ.
މިހާރު ފެންނަން ހުރި ލިޔެކިއުންތަކަށް ބަލާއިރު ކަރަންޓީނަށް ދިއުމަށް ސާދާތު ހާން ވަނީ އިންކާރުކޮށްފައެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސާދާތު ހާން ދިޔައީ ގެއަށެވެ. އެ ގެއަކީ އޭނާގެ އަންހެނުންގެ އިތުރުން 3 ފިރިހެން ދަރިންނާ، 2 ދަނބިދަރިންނާ، 3 އަންހެން ދަރިންނާ، ކާފަ ކިއާ 4 ދަރިން ދިރިއުޅެމުންދިޔަ ގެއެކެވެ.
އޭގެ 1 ދުވަސް ފަހެވެ. ބަލި ބޮޑުވެގެން ސާދާތު ހާން އަނެއްކާވެސް ހޮސްޕޮޓަލަށް ދިޔަ ކަމަށްވެއެވެ. ޖެހިގެން އައި މާޗް 18 ވަނަ ދުވަހު ސާދާތު ހާންގެ ޓެސްޓުގެ ނަތީޖާއިން އޭނާއަށް ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރުކޮށްދިނެވެ. ހަމަ މިދުވަހު އައިސޮލޭޝަން ސެންޓަރަށް އޭނާ ބަދަލު ކުރެވުނެވެ. މި ދުނިޔެއަށް އޭނާ ނޭވާލި ފަހު ދުވަހަކީވެސް އެއީއެވެ.
ޑޮކްޓަރުންނާ އޭނާގެ އަވަށްޓެރިން ސިއްސުވާލީ ސާދާތު ހާންގެ މަރުގެ ޚަބަރަކުން އެކަންޏެއް ނޫނެވެ. އޭގެ ކުރިން އޭނާ އުޅެފައި ހުރި ގޮތުން އެތައް ބަޔަކު ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލިއެވެ.
ކުރިންވެސް ދެންނެވިފަދައިން މާޗް 9 ވަނަ ދުވަހު ސާދާތު ހާންއަށް އޭނާގެ އަވަށުން މަރުހަބާކީ ފިސާރި ކުލަގަދަކޮށެވެ. އެއީ ޕާކިސްތާނުގެ ސަގާފަތެވެ. އުމްރާގެ އަޅުކަމަކަށް ފަހު މީހަކު އެނބުރި އައުމުން ކަން ކުރާ ގޮތެވެ.
ސާދާތު ހާންއަކީ އޭނާގެ އަވަށުގައި، މަގުބޫލު ކުލިނިކެއްވެސް ހިންގާ މީހެކެވެ. ނަމަވެސް އޭނާއަކީ އެއްވެސް ހާލެއްގައި ޑޮކްޓަރެއް ނޫނެވެ. މިއީވެސް ޕާކިސްތާނުގައި އާންމު ކަމެކެވެ. ސިއްހީ ފަރުވާގެ ކުޑަ ނަމަވެސް މިންވަރެއް އެނގޭ ކިތަންމެ ބަޔަކު ދަނީ ޕާކިސްތާނުގައި މިފަދަ ކުލިނިކުތައް އޮޕަރޭޓްކުރަމުންނެވެ.
ސައުދީއިން އެނބުރި އައިސް 'އަމިއްލައަށް ކަރަންޓީނުވެގެން' ހުރި ދުވަސްތަކުގައި ސާދާތު ހާންއަށް މި ކުލިނު ހިންގައިދިނީ އޭނާގެ ފިރިހެން ދަރިއެކެވެ. ސެލްފް-ކަރަންޓީންއެކޭ ބުނި ނަމަވެސް، އޭނާގެ ފިރިހެން ދަރިން ތިބެނީ ސާދާތާ އެއް ކޮޓަރިއެއްގައެވެ. މި ކުދިންނަކީ އެ މުއްދަތުގެ ތެރޭގައި ޕާކިސްތާނުގެ ގިނަ އަދަދެއްގެ ބަޔަކަށް ކުލިނިކުގައި 'ފަރުވާ' ދެމުން ދިޔަ މީހުންނެވެ.
ހާސްކަމާ ނުތަނަވަސްކަން
ސާދާތުގެ މަރާއެކު މުޅި އަވަށްތެޅިގަތެވެ. ކޮވިޑް-19ގެ ބިރުވެރިކަން އެމީހުންނަށް ފަހުމްވީ ކަމަށްވެސް ވެދާނެއެވެ. ސޯޝަލް ވޯކަރެއްގެ ގޮތުގައި މަސައްކަތްކުރާ ލިއާގަތު ޢަލީ ޝާހް ބުނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެތައް ސަތޭކަ ބަޔަކު މިހާރުވެސް އެ އަވަށުގައި އުޅޭނެ އެވެ. ނަމަވެސް މުޖުތަމައަށް ބިރުން ނުވަތަ ކުރިމަތިވެދާނެ ފުރައްސާރައަކަށް ބަލާ، ގެތަކުގައި ފިލާ ތިބެނީ ކަމަށް ވެދާނެ ކަމަށްވެސް ލިއާގަތު ވަނީ ތުހުމަތުކޮށްފައެވެ.
7000 އެއްހާ މީހުން މި ސަރަހައްދުގައި ކަރަންޓީނު ކޮށްފައިވާއިރު، ކަމާބެހޭ ފަރާތްތަކުންވަނީ ޓެސްޓު ކުރުމުގެ މަރުހަލާ ފަށާފައެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ސަރަހައްދުންވެސް ޓެސްޓުކުރަމުންދަނީ ބޭރު ފުށަށް އަލާމާތްތައް ފެންނަ މީހުން އެކަންޏެވެ. އެކަށީގެންވާ މިންވަރަށް ޓެސްޓު ކިޓް ނެތީއެވެ.
ސާދާތު ހާން ނިސްބަތްވާ މަންގާހް އަވަށް މިހާރު އޮތީ ލޮކްޑައުން ކޮށްފައެވެ. ވަދެނިކުމެވުމުގެ އެއްވެސް ހުއްދައެއް ނެތެވެ. ނަމަވެސް އަލާމާތްތައް ފެންނަމުންދިޔަ 4 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ނަތީޖާ ލިބުނުއިރު މި 4 މީހުންވެސް ކޮވިޑް-19އަށް ޕޮޒިޓިވްއެވެ. މި 4 މީހުންގެ ތެރޭގައި ސާދާތު ހާންގެ 2 ދަރިންވެސް ހިމެނެއެވެ.