ރައްޔިތުން މަޖިލީހުގެ މެންބަރުން އަންނަ ހަފްތާއިން ފެށިގެން ގޭގައި ތިއްބަވައިގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް އޮންލައިން ކޮށް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް ބޭނުން ކޮށްގެން ކަމަށް މަޖިލީހުން ބުނެއެވެ. އަދި މެންބަރުން ބޭނުން ކުރައްވާނީ އެބޭފުޅުންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށާއި، މި ޖަލްސާތަކުގެ ލައިވް ފީޑް މީޑިއާއަށް ލިބޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށްވެސް މަޖިލީހުން ބުނެއެވެ.

ކޮވިޑް19 އިން ރައްކާތެރި ވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފަ އެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފަ އެވެ. އެ މަޝްވަރާތަކަށް ފަހު ނިންމީ ގޭގައި މެންބަރުން ތިބެގެން މަސައްކަތްތައް ކުރިޔަށް ގެންދާށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދިމާވާނެ ކަންކަމުގެ އަންދާޒާ މަޖިލީހުގައި އޮންނަން ޖެހޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ވެދާނެ ކަމަކަށް ދުރާލާ ތައްޔާރަށް އޮންނަން ޖެހޭ ތަނެއް ކަމަށެވެ. މަޖިލީހުގެ ސްޓާފުންނާއި، މަޖިލީހުގެ މަސައްކަތްތަކުގައި އުޅޭ ގިނަ ފަރާތްތައް މި މުއްދަތުގައި މަސައްކަތް ކުރާނީ ގޭގައި ކަމަށާއި ނަމަވެސް އެއީ ޗުއްޓީއެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާ ތާވަލް ކުރާނެ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށެވެ. ސަރުކާރުން މަޖިލީހުގެ އެހީ ބޭނުންވާ ކޮންމެ ގަޑިއެއްގައި އެ މަސައްކަތަށް އަވަސްވެ ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު ވަނީ ދެއްވާފައެވެ.