ރާއްޖެއިން ވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް19 ވައިރަސްގެ ސަބަބުން ޓޯޓަލް ލޮކްޑައުން އަކަށް ރާއްޖެ ގޮސްފި ނަމަ އެސްޓީއޯގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދާނެ ގޮތުގެ ޑްރިލްއެއް ގެންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޯޓަލް ލޮކްޑައުން އަކަށް ރާއްޖެ ގޮސްފި ނަމަ އެސްޓީއޯގެ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ގެންދާނެ ގޮތުގެ ޑްރިލްއެއް މިއަދު ކުރިއަށްދާ ކަމަށެވެ. އެސްޓީއޯގެ މުވައްޒަފުން ވީހާ ވެސް މަދު ވަގުތު ވަޒީފާ އަށް ނެރުމުގެ މަގްސަދުގައި އަޖުމަ ބެލުމަށްޓަކައި އެ ކުންފުނީގެ ބައެއް ތަންތަނުން ހިދުމަތް ދޭ ގަޑިތައް މާދަމާއިން ފެށިގެން މަދުކުރުމަށް ވަނީ ނިންމާފައެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއަކީ ރައްޔިތުންގެ ކާޑާއި ބޭހާއި އެހެނިހެން ގިނަ މަސައްކަތަކާއި ދަތުރު ފަތުރަށް ބޭނުންވާ ތެޔޮވެސް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ކުންފުނި ބަންދު ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެންމެން ނިކުމެ މަސައްކަތް ކުރަނިކޮށް މީހަކު ބަލިވެއްޖެ ނަމަ އެންމެން ކަރަންޓީން ވާނެ ކަމަށާއި، އެހެންކަމުން ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ވަނީ ރޭވިފައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނަކީ އެސްޓީއޯގެ ގުދަނުން ކާޑު ވިއްކުމާއި ހޯމް އިމްޕްރޫވްމަންޓް ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސް ބައެއް އޮފީސް ސްޓާފުން ގެއިން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސުމުން ކުރިމަތިވާ ކަންކަން ދެނެގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯ އިން ބުނީ، އެތަނުން މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ގިނަ މުވައްޒަފުންނަށް ގޭގައި މަޑުކޮށްގެން ވަޒީފާ އަދާކުރެވޭނެ ގޮތް ހަމަޖައްސަން ކަމަށެވެ. އެ ގޮތުން އެ ކުންފުނީގެ ރިސެޕްޝަނުން ލިބޭ ހިދުމަތްތަކަށް މިހާރު ބަދަލުތަކެއް އައިސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ ފަރާތުން އެސްޓީއޯ އަށް ދެމުން ގެންދާ އެއްބާރުލަމަށާއި އެކުންފުނީގެ ކަސްޓަމަރުން އެކުންފުންޏަށް ދެމުން ގެންދާ އެއްބާރުލުމަށް އެސްޓީއޯ އިން ޝުކުރު އަދާކުރެއެވެ.