ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ނަން ކިލަނބު ކުރުމުގެ ބޭނުމުގަ އާއި ސިޔާސީ މަންފާއެއްގެ ބޭނުމުގައި ހަގީގަތާ ހިލާފު ވާހަކަތައް ބައެއްމީހުން ދައްކަމުންދާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެކަން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ހިތްދަތިކަން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި އެފަދަ ވާހަކަތައް ސިޔާސީ ބޭނުމެއްގައި ވިޔަސް އަދި އެހެން ސިފައެއްގައިވިޔަސް އެއްވެސް ފަރާތަކުން ދެއްކުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މަދުންނަމަވެސް އެފަދަ އަމަލުތައް ފެންނަމުންދާ ކަމަށާ އެއީ ވަރަށް ހިތާމަވެރިކަމެއް ކަަމަށްވެސް އެ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެއެވެ.

ގާސިމް އިބްރާހިމަކީ ތަކްލީފެއް ޖެހިގެން އެހީތެރިކަމަށް އެދި ދިއްކޮށްލި ކޮންމެ އަތެއްގައި ހިއްޕަވާނެ ބޭފުޅެއްކަމަށާއި ތެދު ގަބޫލުކުރާ ކޮންމެ ރައްޔިތަކު އެކަން ގަބޫލުކުރާނެ ކަމަށާއި ހަތުރަކަސް މިތުރަކަސް ތަފާތު ކުރެއްވުމެއް ނެތި ދަތިހާލެއް ޖެހިގެން އައި ކޮންމެ ހިނދެއްގައި ދީލަތި ކަމާއެކު ވެވަޑައިގެންނެވި އެންމެ ހެޔޮކޮށް ކަންތައް ކޮށްދެއްވާ ބޭފުޅެއް ކަމަށް ގާސިމް ވާނެ ކަމުގައި އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގައުމަށް މިވަގުތު ދިމާވެފައިވަނީ ހިތްދަތި ނާމާންކަމުން ފުރިގެންވާ ދުވަސްތަކެއް ކަމަށާއި މި ބިރުވެރިކަމުގައި ގައުމުގެ ހާލަތު ގޯސްވެފައި ވާއިރު ގާސިމްގެ ކުންފުނި، "ވިލާ" ވެސް ވަނީ އެފަދަ ހާލަތުގައި ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ނަމަވެސް މި ހާލަތުގައިވެސް ގާސިމް ދައްކަވަމުން ގެންދަވަނީ ލާމަސީލު ނަމޫނާއެއް ކަމަށާއި އިންސާނިއްޔަތަށްޓަކާ އެމަނިކުފާނު ކުރައްވާ ކަންކަން ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި ހަގީގަތް އޮޅޭގޮތަށް ފެތުރުމަކީ ޕާޓީން ނުހަނު ކަންބޮޑުވާކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މިވަގުތަކީ ޒާތީކަމުން އެކަހެރިވެ ސިޔާސީ ވާދަވެރިކަން ވެސް އެއްފަރާތްކޮށް އެންމެން އެކަތިގަނޑަކަށްވާންވީ ވަގުތު ކަމަށާ މިއީ ދިވެހި އުއްމަތް ސަލާމަތްކުރުމަށް އެންމެން މަސައްކަތްކުރަންވީ ވަގުތު ކަމުގައި އެބަޔާނުގައި ވަނީ ބުނެފައެވެ.

އެ ޕާޓީން އެދެނީ ދިވެހި ރައްޔިތުންނަށް މި ނުރައްކާތެރި ރޯގާގެ ސަބަބުން ލިބެމުންދާ އެންމެހާ ގެއްލުންތަކުން ސަލާމަތްކަން ދެއްވައި ﷲ ތައާލާގެ މިންވަރުފުޅުން ދިވެހި ގައުމު ރައްކާތެރިކުރެއްވުން ކަމަށާއި މުޅި ދުނިޔެއާއި އެންމެހާ ރައްޔިތުން ހިމާޔަތްކުރައްވައި ސަލާމަތުގެ އައްސޭރިއަކަށް ވާސިލުވުމުގެ މަގު ކީރިތި ﷲ ދެއްކެވުން އެދި ދުއާކުރާ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.