މާލޭގެ ދެ އިމާރާތެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ދެ ގެ ލޮކްޑައުންކޮށްފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، އެ ދެ ގޭގައި ވެސް ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ބަޔަކު ތިބުމުން ކަމަށެވެ.

ދެ ގެ ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް މޮނީޓާ ކުރަމުންދާނީ އެ ގޭގައި ތިބި މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން ކަމަށާއި އެމީހުންގެ ޓެސްޓްތައް ހަދަނީ ފެލައިނީއާ ކޮންޓެކްޓްވެ، އަދި އެމީހުންގެ ފަރާތުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ވެސް ފެންނާތީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައިވާއިރު، އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެއެވެ. މަބުރޫކު މީގެކުރިން ވަނީ ފެލައިނީއާ ކޮންޓެކްޓްވި އެއްވެސް ފަރާތެއްވާނަމަ، އެކަން އަމިއްލައަށް އެޗްޕީއޭއަށް އެންގުމަށް ވެސް އެދިވަޑައިގެންފައެވެ.

ފެލައިނީ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައެވެ. އެ ރިސޯޓްގައި ކޮންޓެކްޓްވި މީހުން ހޯދައި އަޅަންޖެހޭ ފިޔަވަޅުތައް އެޗްޕީއެއިން ދަނީ އަޅަމުންނެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ. ފެލައިނީ ރާއްޖެ އައިސްފައިވަނީ މާޗް 8 ވަނަ ދުވަހެވެ. ރީތި ރަށް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ ރާއްޖޭން ފުރައިގެން އެނބުރި ޗައިނާއަށް ގޮސްފައިވަނީ މާޗް 12 ވަނަ ދުވަހެވެ.

މި ކޭހާއި ގުޅިގެން މަބްރޫކް ވިދާޅުވެފައި ވަނީ ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ ރާއްޖެއިން ދަތުރުކޮށް ޗައިނާއަށް ދިޔަ ފަހުން ކަމަށް ވިޔަސް އެކަން އިތުރަށް ބަލަމުން ގެންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.