ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން ދިވެއްސެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އަދި އޭނާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް އެތެރެވާ އެންމެން ކަރަންޓީން ކުރަން ނިންމާފައި ވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ މިމަހުގެ 18 ވަނަ ދުވަހެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައިވާއިރު 13 ބިދޭސީއެއް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ސޭންޑީސް ބަތަލާ ރިސޯޓުން މި މަހުގެ 8 ވަނަ ދުވަހު ޕޮޒިޓިވްވި 2 ފަތުރުވެރިންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރާއެކު ޖުމްލަ 3 މީހުން ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މި ބައްޔަށް މިވަގުތު ފަރުވާ ކުރަމުންދަނީ 10 މީހުންނެވެ.

މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.