މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ އެރަށުގެ 10 ގެއެއް ބަލައި ފާސްކޮށްފައި ވާ ކަމަށެވެ. އެ ގެތައް ބަލައި ފާސްކުރި އިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދައިފައެވެ.

އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ހޯދައިފައި / ފޮޓޯ: ޕޮލިސް

ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައި ވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު:

1. ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ) : ވައްކަމާއި ބިރުދެއްކުމުގެ ރެކޯޑު އޮވޭ

2. ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ) : މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

3. ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) : މާރާމާރީގެ ރެކޯޑެއް އޮވޭ

4. ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

5. ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ): މަސްތުވާތަކެއްޗާއި އަމުރަށްނުކިޔަމަންތެރިވުމުގެ ރެކޯޑު އޮވޭ

6. ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

7. ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

8. ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދުސިދުރަތު (27އ): ކުށުގެ ރެކޯޑެއް ނެތް

9. ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ): ކުށުގެ ރެކޯޑެއް ނެތް

ފުލުހުން ބުނީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ސިދުރަތާއި މުހައްމަދު ގިޔާސްއަކީ އެއްވެސް ކުށެއްގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ނޫން ކަމަށާއި މި މައްސަލައިގައި ހައްޔަރުކޮށް، މުހައްމަދު ސިދުރަތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެބުރުއަރީ ފަސްވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުން، ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. މުހައްމަދު ސިދުރަތުގެ އިތުރުން އެ މައްސަލާގައި ހައްޔަރު ކުރިއެންމެން މިހާރުވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ހުށަހަޅާނެ ކަމަށެވެ.