ކޮވިޑް-19 އާ ގުޅިގެން ހަބަރުތައް ކަވަރު ކުރުމުގައި ނޫސްވެރިން ކުރާ ބުރަ މަސައްކަތް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވެ ނޫސްވެރިންނަށް މަބްރޫކް ހާއްސަ ޝުކުރެއް އަދާ ކުރައްވައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19ގެ ތަރުޖަމާނެއްގެ މަސައްކަތާ ހަވާލުވެވަޑައިގެންނެވި އިރު އުއްމީދުވެސް ނުކުރައްވާ ވަރަުގެ ބޮޑު އެއްބާރުލުމެއް ނޫސްވެރިންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން އެޗްޕީއޭއިން ދޭ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް ދުވާލު ދެ އިރު ދަރުބާރުގޭގައި ބާއްވާ ޕްރެސްތަކަށް ގޮސް އަދި ވަރަށް ލަސް ވަންދެން ގިނަ ވަގުތު ނޫސްވެރިން މަސައްކަތް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހަމައެއާއެކު މަބްރޫކް ވިދާޅުވީ ކޮވިޑް-19 ކަވަރޭޖް ގެނެސްދިނުމުގައި މީޑިއާތަކުގައި މަސައްކަތް ކުރާ ހުރިހާ ނޫސްވެރިންނަށް ސަރުކާރުގެ ނަމުގައި އިންތިހާއަށް ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން މި ކަމުން އަވަހަށް އަރައިގަތުމަށް އުންމީދު ކުރައްވާ ކަަމަށާއި ނޫސްވެރިން ހަބަރު ގެނެސްދިނުމުގައި ކުރައްވާ ގައުމީ މަސައްކަތް ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި އެންމެ ފަހުގެ ހަބަރުތައް ގެނެސްދިނުމަށް، ކޮންމެ ދުވަހަކު ދެއިރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ބައްދަލުވުމަށް ނޫސްވެރިން ދެއެވެ. މި ބައްދަލުވުންތައް އޮންނަނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު 2:30 އާއި ރޭގަނޑު 9:00 ގައެވެ.