ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހަށް ޝައްކުވާ ދެ ދިވެއްސެއްގެ ގައިން އަލާމާތްތަކެއް ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ކޮންޓެކްޓް ވެފައިވާ ދެ ދިވެއްސެއްގެ ފުށުން އެ ވައިރަހުގެ އަލާމާތްތަކެއް ފެނިގެން ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެ ދެމީހުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި، ޓެސްޓް ހަދަމުން ދަނީ މިމަހުގެ ކުރީ ކޮޅު ރާއްޖެއައި ފްޓުބޯޅަ ކުޅުންތެރިޔާ ފެލެއިނީ އާ ޑައިރެކްޓް ކޮންޓެކްޓް ވި 2 މީހުންނެވެ.

ރާއްޖެއިން އެންމެ ފަހުން މީހަކު ޕޮސިޓިވް ވިތާ މިހާރު ވަނީ ހަފްތާއެއް ފާއިތު ވެފައެވެ. އެހެންނަމަވެސް، ރާއްޖޭގައި އުޅެފައި އަނބުރާ ޗައިނާއަށް ދިޔަ ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލެއިނީ ވަނީ ގައުމަށް ދިޔަ ފަހުން ވައިރަހަށް ޕޮޒިޓިވް ވެފައެވެ. އޭނާ ރާއްޖެއިން ދިޔައީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ބޮޑަށް ބެލެވެނީ ފެލެއިނީއަށް ވައިރަސް ޖެހުނީ ޗައިނާއަށް ދިޔަ ފަހުން ކަމަށެވެ. އެހެން ނަމަވެސް، އޭނާ ރާއްޖޭގައި ހުރި އިރު ކޮންޓެކްޓުވި މީހުން ބަލަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މުޅި ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވިއެވެ. އޭގެތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅު ވެފައެވެ. އެއީ ޕެރެޑައިސް އައިލެންޑު ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަކާއި ސޭންޑީޒް ބަތަލާއިން ޕޮޒިޓިވްވި ދެމަފިރިންނެވެ.