ކޮވިޑް-19 އާ ގުޅިގެން ލޭ ލިބުން ދަތިވެފައިވާ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމަށް އެހީތެރިވުމަށް ގޮވާލުމުން އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުން ލޭ ހަދިޔާ ކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) އިން ބުނީ އެ ޕާޓީގެ ފަރާތުން ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން މިއަދު އެ ޕާޓީގެ އިސްވެރިން ލޭ ހަދިޔާ ކުރައްވައިފައި ވާކަމަށެވެ.
އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނެއެވެ.
އިދިކޮޅުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު، ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައި ވަނީ ލޭ އަޅާ ކުދިންނަށް އެންމެބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުން ކަމަށާއި މިހާލަތުގައި އެކަން އެގޮތަށް ކުރެވެން ނެތުމުގެ ސަބަބުން އާންމުގެ ތެރެއިން އެހީވެވޭނެ ފަރާތްތަކުން ލޭ ހޯދުމަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.
އެއީ ތެލެސީމިއާ ސެންޓަރުގެ ވަރަށްބޮޑު އިލްތިމާސެއް ކަމަށާއި އެކަމަށް އާންމުންގެ އެއްބާރުލުން ދެއްވު އެދޭ ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި ލޭ ހަދިޔާ ކުރެއްވުމުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށްވެސް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ސާބަހޭ ﷲ ތިބާ މެންނަށް ރަޙުމަތް ލައްވާށި..