ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޑޮކްޓަރުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިން ދޭން ފަށައިފިއެވެ.
މި ޓްރެއިނިން މިއަދު ހެނދުނު އައިޖީއެމްއެޗުގައި ފަށާފައި ވާއިރު، މިއީ ކޮވިޑް-19އާ ގުޅިގެން ބަލިހާލަތު ދަށްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަރަށް ކްރިޓިކަލް ކެއާއަށް ޓްރެއިން ވެފައިވާ ޑޮކްޓަރުން ނެތުމުގެ ސަބަބުން ކުރިއާށް ގެންދާ ޓްރެއިނިންއެކެވެ. މި ޓްރެއިނިންގައި ހުރިހާ ދާއިރާއެއްގައި ވެސް މަސައްކަތް ކުރާ ޑޮކްޓަރުން ޓްރެއިން ކުރުމަށް ވަނީ ނިންމާފައެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ ޑިޕާޓްމަންޓްގެ ހެޑް، ޑރ. މޫސާ ހުސެއިން ވިދާޅުވީ ރާއްޖޭގައި ކްރިޓިކަލް ކެއާއަށް ޓްރެއިން ވެފައި ތިބި ޑޮކްޓަރުންގެ އަދަދު މަދު ކަމަށާއި، ކްރިޓިކަލް ކެއާ ދިނުމަށް ބޭނުން ވަނީ، އެކަމަށް ޓްރެއިން ވެފައިވާ، އަދި ވެންޓިލޭޓާ ވެސް މެނޭޖްކުރަން ދަންނަ މީހުން ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ޑޮކްޓަރުންނަށް ކްރިޓިކަލް ކެއާ ޓްރެއިނިްނ ދިނުމަށް ބޭނުންވާ ކަމަށް ޑރ. މޫސާ ވަނީ ވިދާޅުވެފައެވެ.
ދެ ދުވަހަށް ކުރިއަށް ގެންދާ މި ޓްރެއިނިންގައި ލެކްޗާތަކުގެ އިތުރުން އަމަލީ ތަމްރީނުތައް ކުރިއަށް ދާނެ ކަމަށް މައުލޫމާތުލިބެއެވެ. އަދި މި ޓްރެއިނިންގައި ކްރިޓިކަލް ހާލަތުގައި ބޭނުންކުރާ ތަކެއްޗަށް އަހުލުވެރިކުރުމުގެ ގޮތުން ހަތް ސްޓޭޝަނެއް ގާއިމުކޮށްފައި ހުންނައިރު، އެއިން ކޮންމެ ސްޓޭޝަނެއްގައިވެސް ކްރިޓިކަލް ކެއާއަށް ބޭނުންކުރާ ތަފާތު އެއްޗަކަށް އަމަލީގޮތުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮވިޑް-19އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، 3 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައިވާ ކަމަށް ނިންމާފައެވެ. އަދި މި ބަލިން ރަނގަޅުވެފައިވާ ކަމަށް ނިންމާފައިވާ ފުރަތަމަ މީހަކީ، އުމުރުން 70 އަހަރުވެފައިވާ އަދި ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދޭން ޖެހުނު މީހެކެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ހާލުދެރަވި މީހާ، މި ބަލިން ރަނގަޅު ކުރުމާ ގުޅިގެން މިކަމުގައި ހަރަކާތްތެރިވި ޑޮކްޓަރުންނަށް ދަނީ ގިނަ ބައެއްގެ ތައުރީފު ލިބެމުންނެވެ.