ކޮވިޑް-19 ގެ ސަބަބުން ވަޒީފާހެ ހާލަތަށް ބަދަލެއް އައިސްފައިވާ ނަމަ އެ ކަން އިކޮނޮމިކް މިނޮސިްޓރީގެ ދަށުން ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރަށް ރިޕޯޓު ކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާންގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ވަޒީފާއިން ވަކިކުރެވިފައިވާ ނަމަ، ނުވަތަ މުސާރައާއި އެލަވަންސްތަަކށް އެއްވެސް ބަދަލެއް ގެނެވިފައިވާ ނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައިވާ ނަމަ މިނިސްޓރްީގައި ގާއިމް ކޮށްފައިވާ ޖޮބް ސެންޓަރުގައި ރިޕޯޓް ކޮށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.
އަދި މައުލޫމާތު ހިއްސާ ކުރާއިރު ވަޒީފާގެ ހާލަތަށް ބަދަލުއައިސްފައިވާ ކަން އަންގާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުން ހުށހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މުޅީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ކުރިމަތިވެފައިވާ އިރު، ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގްތިސޯދީ މަސައްކަތްތަކަށް ހީނަރުކަން އައިސްފައިވާ އިރ، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝަފްލޯ ފައިނޭންސިން ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން އަޅަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކިރާ މުއައްޒަފުންނާއި ކެފޭ ރެސްތޯރަންޓްތައް ހިންގާ ތަންތަނުގެ މުއައްޒަފުން ތިބީ މިހާރު ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ދާދި ފަހުން ޔުނވާސަލް އެންޓަ ޕްރައިސަސުން ވަނީ އެ ކުންފުނީގެ ރިސޯޓުތައް ވަގުތީގޮތުން ހުއްޓަލައި މުވައްޒަފުން ޗުއްޓީއަށް ފިނުވާލަން ނިންމާފައެވެ. އަދި 380 ޑޮލަރަށް ވުރެ ގިނައިން މުސާރަ ލިބޭ މީހުންގެ މުސާރަ އުނިކުރެޥޭނެ ކަމަށް ވެސް ޔުނިވާސަލުން ވަނީ ނިންމާފައެވެ. މީގެ އިތުރުން ވިލާގެ މުވައްޒަފުންގެ މުސާރައިން އުނިކުރުމަށްވެސް ވަނީ ނިންމާފައެވެ.