އޭޑީކޭގައި ހަރުކޮށްފައި ހުންނަ ސެނިޓައިޒާ ފުޅިތައް ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭއިން ކުރި ޓްވީޓެއްގައި ބުނީ، ހޮސްޕިޓަލުގެ އެކި ތަންތަނުގައި ސެނިޓައިޒާ ފުޅި ހަރުކޮށްފައި ހުންނަނީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ ހުރިހާ އެންމެނަށް ވެސް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެތަންތަނުގައި ބަހައްޓާފައި ހުންނަ ސެނެޓައިޒާ ފުޅި ނަގާ މައްސަަލަ ބޮޑުވެފައި ވާއިރު ފާރުގައި ފުޅި ހަރުކުރަން ބޭނުންކޮށްފައި ހުރި ސްޓޭންޑްތައް ވެސް ވަނީ ނަގައިގެން ގެންގޮސްފައި ކަަމަށެވެ.
އޭޑީކޭއިން މިއަދު ކުރި ޓްވީޓުގައި ވަނީ ސެނެޓައިޒާ ފުޅި ވަގަށް ނަގާ މީހެއްގެ ވިޑީއޯވެސް ޝެއާ ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ އަނގަމަތީގައި މާސްކް އަޅައިގެން ހުރި މީހަކު ދަބަހެއް ހިފައިގެން ގޮސް ސެނެޓައިޒާ ފުޅި ހަރުކޮށްފައި ހުރި ދިމާލާ އެންމެ ގާތުގައި ހުރި ގޮނޑީގައި އިށީންނަ ތަނެވެ. އެއަށް ފަހުން ފާރުގައި ހަރުކޮށްފައި ހުރި ސެނެޓައިޒާ ފުޅިއެއް ނަގާ އޭނާގެ ދަބަސްތެރެއަށް ލުމަށްފަހު އެތަނުން ތެދުވެގެން ދާ މަންޒަރު ފެނެއެވެ. އެ ވަގުތު އެ ސަރަހައްދުގައި އިތުރު އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ.
ހަަމައެއާއެކު އެ ހޮސްޕިޓަލުން ވަނީ ފޮޓޯތަކެއްވެސް އާންމު ކޮށްފައެވެ. ސެނެޓައިޒާ ފުޅިތައް ހަރުކޮށްފައި ހުރި ސްޓޭޑްތައްވެސް ނައްޓާފައިވާ ތަން އެ ފޮޓޯތަކުން ފެންނަން ހުރެއެވެ.
އޭޑީކޭ އިން ބުނީ މިވަގުތު ސެނިޓައިޒާ ލިބުމުގައި ދަތިކަމެއް އޮތްކަން އެނގޭ ކަމަށާއި އަދި އެކަމާ ގިނަ އަދަދެއްގެ ބަޔަކު ހާސްވެގެން އުޅޭކަން ވެސް އެނގޭ ކަމަށެވެ. އެހެން ނަމަވެސް މިފަދަ ވަގުތެއްގައި ހޮސްޕިޓަލްތަކުން ވައްކަން ކުރުން ފަދަ ވިޔާނުދާ ކަންކަން ނުކުރުމަށާއި، މިއަށް ވުރެ ޒިންމާދާރުވުމަށް އޭޑީކޭއިން އިލްތިމާސް ކުރެއެވެ.
ކޮވިޑް19 އާ ގުޅިގެން ފިހާރަތަކުން ސެނިޓައިޒާ އާއި މާސްކު ފަދަ އެއްޗެހި ލިބުން ދަތިވެފައިވާ ކަމަށާއި އަދި ޑިމާންޑު ބޮޑުވުމާ އެކު ވިޔަފާރިވެރިން އެތަކެތީގެ އަގު ބޮޑުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އެ ގޮތުން ސެނެޓަރިޒާ ލިބެން ހުރި ބައެއް ތަންތަނުން 500 އެމްއެލްގެ ފުޅިއެއް މިހާރު ވިއްކަނީ 250 އާއި 500 ރުފިޔާއާ ދެމެދުގައެވެ. ކުރިން މި ސައިޒުފެ ފުޅި 80 ރުފިޔާއަށް ވިއްކިއެވެ.