ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަނެއްކާވެސް ޕެޓްރޯލް އަދި ޑީސަލްގެ އަގު ރާއްޖޭގައި ހެޔޮކޮށްފިއެވެ.

މީގެކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 9.60 އަށެވެ. ނަމަވެސް މި އައި ބަދަލާއެކު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 1.53 ރުފިޔާ ހެޔޮކޮށް، 8.07 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި ޑީސެލް ލީޓަރެއް ވިއްކަމުން އައީ 10.39 ރުފިޔާއަށެވެ. ނަމަވެސް މި އައި ބަދަލާއެކު ޑީސެލް ލީޓަރެއް ވިއްކާނީ، 8.71 ރުފިޔާއަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. މިއީ 1.68 ރުފިޔާ ހެޔޮ އަގެކެވެ.

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު މި މަހުގެ ތެރޭގައި ހެޔޮ ކުރި މިއީ ދެވަނަ ފަހަރެވެ. މި މަހުގެ 13 ވަނަ ދުވަހު ވެސް އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފަ އެވެ. މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، ތެޔޮ އިތުރަށް އަގު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑު ތަން ދަށްވެފައެވެ. އެހެންކަމުން އެސްޓީއޯއިން ވިއްކާ ޑީސަލް އަދި ތެލުގެ އަގަށް ބަދަލު އައިސްފައިވަނީ ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލާ އެކުއެވެ.