ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމަށް އެހީތެރިވުމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އިލްތިމާސް ކުރައްވައިފިއެވެ.
ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގަިއ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ލޭ އަޅާ ކުދިންނަށް އެންމެބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުން ކަމަށާއި މިހާލަތުގައި އެކަން އެގޮތަށް ކުރެވެން ނެތުމުގެ ސަބަބުން އާންމުގެ ތެރެއިން އެހީވެވޭނެ ފަރާތްތަކުން ލޭ ހޯދުމަށް އެހީތެރިވުމަށް އެދޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެއީ ތެލެސީމިއާ ސެންޓަރުގެ ވަރަށްބޮޑު އިލްތިމާސެއް ކަމަށާއި އެކަމަށް އާންމުންގެ އެއްބާރުލުން ދެއްވު އެދޭ ކަމަށެވެ. އަދި ލޭ ހަދިޔާ ކުރެއްވުމުގައި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށްވެސް މަބްރޫކް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖޭގައި ތެލެސީމިއާ ހާލާތު ދެނެގަތުމަށް 1988 ވަނަ އަހަރުން ފެށިގެން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) ގެންދަނީ އެތައް ޕްރޮގްރާމެއް ހިންގަމުންނެވެ. ރިސޯޓުތަކާއި އާންމުން ދިރިއުޅޭ ރަށްރަށުގައިވެސް ލޭ ހޯދުމަސް ގިނަ ޕްރޮގްރާމް ތަކެއް ވަނީ ހިންގާފައެވެ. އެގޮތުން ތެލަސީމިއާގެ ހާލާތު ރާއްޖޭގައި ރަނގަޅު ކުރުމަށް ޝީ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ޝީ އިން ޑީއެންއޭ ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފެށާފައި ވަނީ 2005 ވަނަ އަހަރެވެ.
ރާއްޖޭގައި އެންމެ ފުރަމަނަ ތެލަސީމިއާ ބަލި ފާހަގަވި ހިސާބުން ފެށިގެން މިކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ސަރުކާރާއި އަމިއްލަ ޖަމިއްޔާ ތަކުން ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދާއިމީކޮށް ބޭނުންވާ ބޭސް ލިބޭނެ ގޮތް އަދި ލޭއެޅޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައި ވާއިރު ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި މިކަމާ ގުޅޭ ހާއްސަ ގާނޫނެއް ވެސް 2012 ވަނަ އަހަރު ވަނީ ފާސްކޮށްފައިވެއެވެ. އެ ގާނޫނުގެ ދަށުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ކައިވެނިކުރަން ބޭނުންވާ ދެ މީހުން ތެލަސީމިއާ އަށް ޓެސްޓް ކުރަން ޖެހޭނެއެވެ.