ރަޝިއާއަށް ދިޔަ ތިން ދިވެހި ދަރިވަރެއްގެ ފަރާތުން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން އެ ގައުމުން ކުރި ޓެސްޓްތަކުން ދެ ދަރިވަރެއްގެ ނަތީޖާ ނެގެޓިވް ވެފައި ވާކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިހާރު ދަރުބާރުގޭގަިއ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ދެ ދަރިވަރެއްގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާއިރު އަނެއް ދަރިވަރުގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

އެ ތިން މީހުން ވެސް ކަރަންޓީނުކޮށްފައި ވަނީ އެމީހުންގެ ގައިގައި ބަލީގެ އަލާމާތް ހުރިކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފެންނާތީ ކަމަށާއި އެމީހުން ކަރަންޓީނު ކޮށްފައި ވަނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް މަބްރޫކް ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެ ތިން ދަރިވަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ އެމްބަސީން އެކުދިންގެ ހާލު ބަލަމުން އަންނަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރަޝިއާ އަކީ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ގައުމެކެވެ. އޭގެ ތެރެއިންވެސް ގިނައީ ސިއްހީ ދާއިރާއިން، ޑޮކްޓަރުކަން ކިޔެވުމަށް ގޮސް އުޅޭ ދިވެހިންކަން ފާހަގަ ވެއެވެ.

އަންނަ މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވާ ނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އެގައުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 114އެވެ. ނަމަވެސް، އެ ގައުމުގައި އޮތް ހަގީގީ ހާލަތު ފޮރުވަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުތައް އެކި ފަރާތްތަކުން ދަނީ ރަޝިއާ ސަރުކާރަށް އަމާޒު ކުރަމުންނެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ރަޝިއާއަށް ދަތުރުކުރާ ދިވެހިންގެ އިތުރުން އެ ގައުމުގައި މިވަގުތު ތިބި ދިވެހިންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.