ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްގެެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓާ އަބްްދުﷲ އަމީން ވިދާޅުވީި، އައިޖީއެމްއެޗް އައިސީޔޫގައި ވަރަށް "ކްރިޓިކަލް" ހާލަތުގައި ފަރުވާދެމުންދިޔަ މީހާ އާއި އައިޖީއެމްއެޗްގައި ފަރުވާދެމުންދިޔަ ދެވަނަ މީހާ އެ ބައްޔަނެގެޓިވް ވެފައިވާ ކަމަށެވެ. އެ މީހުން ނެގެޓިވްވުމާ ގުޅިގެން އޮންނަ ޑަބްލިޔުއެޗްއޯ ޕްރޮޓޮކޯލްގެ ތެރެއިން އެ މީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށްވެސް އަމީނާ ވިދާޅުވިއެވެ.
ކޮވިޑް-19 އިން ފަސޭހަވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޕޮޒިޓިވްވި ދެ މީހުންނެވެ. އެ ދެ މީހުންނަކީ އިޓަލީއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެމަފިރިންނެވެ. ދެ މީހުންނަށްވެސް މިހާރު ފަރުވާދެމުން ދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އޭގެ ތެރެއިން 70 އަހަރުގެ މީހާ ހާލު ދެރަވެގެން ދަރުމަވަންތައަށް ބަދަލުކޮަށް ފަރުވާދޭން ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ 13 މީހެކެވެ. އޭގެ ތެރެއިން މިއަދު ކޮވިޑަށް 2 މީހަކު ނެގެޓިވްވެފައިވާއިރު، މިހާރު މި ބަލީގައި ރާއްޖެގައި ތިބީ 11 މީހުންނެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ. ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެއްވެސް ދިވެއްސަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.