އައިލެންޑް ސަފާރީ-1 ކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ބިދޭސީންގެ ތެރެއިން އެކަކު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ އޭނާ ޑީއެޗް-11އަށް ބަދަލުކުރަން ނިންމީ އިތުރަށް ހާލަތު ބަލައި، މޮނީޓަރު ކުރުމަށްޓަކައި ކަމަށެވެ.

މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ޑީއެޗް11 ގައި ތިބި 2 ބިދޭސީންަށެވެ. ކުރިން ޑީއެޗް 11 ގައި ތިބި 4 މީހުންގެ ތެރެއިން 2 މީހުން ދެފަހަރު ހެދުނު ޓެސްޓުތަކުންވެސް ނެގެޓިވް ވެފައިވާ ކަމަށާއި، އަދި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ބަނޑޮސް އައިލެންޑް ރިސޯޓުން ގެނެސް ޑީއެޗް-16 ގައި ފަރުވާދެވުނު މާބަނޑު އަންހެންމީހާގެ ނަތީޖާވެސް ދެފަހަރު ހެދުނު ޓެސްޓުތަކުންވެސް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީ އަކީ ނޭވާލުމުގެ ނިޒާމަށް ޖެހޭ މައްސަލަތައް ގާތުން މޮނިޓާ ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފެސިލިޓީއެކެވެ. އެތަނަށް ވަންނާނީ އެހެން ބަލި މީހުން ވަންނަ ދޮރު ނޫން އެހެން ހާއްސަ ދޮރަކުން ކަމަށާއި ބަލި މީހާ ގެންދާނީވެސް އާންމުންނާއި ހޮސްޕިޓަލުގެ ބައެއް ސްޓާފުންނަށްވެސް ބޭނުން ނުކުރެވޭނެ ލިފްޓަކުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖެއިން ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހެވެ. މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ.