ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ރައްޔިތުން މާދަމާ ހުކުރު ނަމާދުގެ ބަދަލުގައި ކުރާނީ މެންދުރު ނަމާދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ޖަމާއަތުގައި ކުރާ ނަމާދުގެ ތެރެއިން ހުކުރު ނަމާދާއި، އީދު ނަމާދާއި، ކޭތަ ނަމާދު އަދި އިސްތިސްގާ ނަމާދު ފަދަ ޝިއާރުތައް ގާއިމު ކުރުމަކީ ޝަރީއަތުގައި ހާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއް ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާ އާ ގުޅިގެން މާލެ، ހުޅުމާލެ، އަދި ވިލިގިނލީގައި ތިބި ރައްޔިތުން މާދަމާ، ކުރާނީ ހަތަރު ރަކުއަތުން މެންދުރު ނަމާދު ކަމަށާއި، އެ ނަމާދު ކުރާނީ ގޭގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮވިޑް19 ފެތުރެމުންދާތީ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ނުކުރުމަށާއި ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީއިން ނިންމީ އިއްޔެ އެވެ. އިސްލާމިކް މިނިސްޓަރު ވިދާޅުވީ، އެ ފިޔަވަޅު އެޅީ އިއްޔެ މެންދުރު ނަމާދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް މާލެ ސަރަހައްދާއި ރިސޯޓްތައް ހިމެނޭ ގޮތަށް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅަކީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ލަފާގެ މަތިން އެޅުއްވި ފިޔަވަޅެއް ކަމަށެވެ. އަދި މި ފިޔަވަޅު އެޅުމުގެ ބޭނުމަކީ ރާއްޖޭގައި ކޮވިޑް19 ފެތުރުމުގެ ފުރުސަތު އިތުރަށް ނުދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރިޔަސް ކޮންމެ ނަމާދަކަށް ވެސް އިމާމުން މިސްކިތްތަކަށް ގޮސް ބަންގި ގޮވައި، ނަމާދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިސްކިތުގައި ވަކިން ނަމާދު ކުރަން ބޭނުންވާ މީހަކަށް އެ ފުރުސަތު އޮންނާނެ ކަމަށާއި މީހުންނަށް ނުވަދެވޭނެ ގޮތަށް މިސްކިތްތައް ބަންދުކޮށްފައި ނުބަހައްޓާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ، ރާއްޖެން ކޮރޯނާވައިރަސް ފެނުމާ ގުޅިގެންނާއި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރުކު ވީހާވެސް ކުރުކޮށް އަދި ކުރު ސޫރަތް ކިޔެވުމާއި އަދި ހުތުބާވެސް ކުރުކުރަން އަންގާފައެވެ. މީގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ރައްކާތެރިވުމަށް މިސްކިތުގައި އަޅާފައިވާ ކާޕެޓުތައް ނަގަންވެސް އަންގާފައެވެ.

މިއީ ރާއްޖޭގައި މިސްކިތްތައް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރައް ވީއިރު، ކޮވިޑް19އާ ގުޅިގެން ބައެއް އެހެން ގައުމުތަކުގެ މިސްކިތްތައްވެސް ވަނީ ބަންދުކޮށްފައެވެ. އެގޮތުން ސައުދި އަރަބިއްޔާގެ ދެ ހަރަމް ފިޔަވާ ހުރިހާ މިސްކިތްތައް އިއްޔެ ވަނީ ބަންދުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި ސަރުކާރުން ގެންދަނީ މި ބަލި އިތުރަށް ކޮންޓްރޯލް ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ދެ ހަފުތާއަށް ބަންދުކޮށްފައި ވާއިރު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ. އަދި ސިނާމާތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ. އޭގެއިތުރުން ބޭރުގެ ގައުމުތަކުން މީހުން އައުން މަނާ ކުރުމާއި، ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަަށް މީހުން ގެންދިއުން މަނާ ކުރުން ހިމެނެއެވެ.