ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލް އެސްޓީއޯ އިން ދޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮވިޑް19 ގައި މުޅި ދުނިޔޭގެ އިގްތިސޯދަށް ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ދުނިޔޭގެ މާކެޓުގައި ބޮޑު ތަނުން ތެލުގެ އަގު ވެއްޓުމުން އެސްޓީއޯއިން މި މަހުގެ 13 ވަނަ ދުވަހު ވަނީ ޕެޓްރޯލް އަދި ޑީސަލްގެ އަގު ހެޔޮކޮށްފައެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޑީސެލް ލީޓާރަކުން 0.50 ލާރި ވަނީ ހެޔޮ ކޮށްފައެވެ. ހަމައެއާއެކު ޕެޓްރޯލް ލީޓާރަކުން 0.53 ލާރި ވަނީ ހެޔޮ ކޮށްފައެވެ.

މީގެ ކުރިން ޑީސަލް ލީޓަރެއް އެސްީޓއޯއިން ވިއްކަމުން އައީ 10.89 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.13 ރުފިޔާއަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 10.39 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.60 ރުފިޔާއަށެވެ.

މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް އެސްޓިއޯއިން ވަނީ ހަތަރު ފަހަރެއްގެ މަތިން ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައެވެ.