ރާއްޖޭގައި ޑޮލްރުގެ އަގު ބޮޑުވިޔަ ނުދިނުމަށް 600 މިލިއަން ޑޮލަރު ސޮވޮޕް ފެސިލިޓީއެއް އެބަހުރި ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރު އަގު ބޮޑު ވިޔަ ނުދެއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބްލެކް މާކެޓުގައި ޑޮލަރު އަގު ބޮޑުކޮށް ވިއްކަމުންދާ ކަމަށް މައުލޫމާތު ލިބިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބްލެކް މާކެޓުގައި ޑޮލަރު މިވާރު ވިއްކަން ހުރީ 16.30 އާއި 16.50 ރުފިޔާއާ ދެމެދުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް އެކަމުގެ ލޮޅުންތައް ވަރަށް ބޮޑަށް އަރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ ތާށި ކަމަކީ އޭގެ ޒާތުގައިވެސް އަންނާނެ ތާށިކަމެއްކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ ޑޮލަރުގެ ތާށިކަން އައުމުން ޑޮލަރު އަގުބޮޑުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން އެމްއެމްއޭ އިން ޑޮލަރު ވިއްކާ މިންވަރު އަންނަ ހަފްތާއިން ފެށިގެން އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހާޝިމް ވިދާޅުވީ މިވަގުތު ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރަން، 150 މިލިއަން ޑޮލަރު ބޭންކް ތަކަށް ދޫކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

"ކުރި އަށް އޮތް ތާނގައި އަންނާނެ ކަމަށް ކަމަށް ބަލާތީ ޑޮލަރަށް އެ ޕްރެޝަރު އަންނަނީ. އެހެންވެ އަންނަ ހަފުތާ އިން ފެށިގެން ޑޮލަރު ވިއްކުން އިތުރު ކުރާނަން. އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީއެއް ހުންނާނެ ބޭނުން ނުކޮށް ހުރި ފެސިލިޓީއެއް. "ބޭންކް ތަކަށް ދަތިތަކެއް އައިސްފިނަމަ އެ ފެސިޓީ ޔޫސް ކުރާނީ،" ހާޝިމް ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ލޮޅުންތަކެއް ދަނީ އަރަމުންނެވެ. މިހާތަނަށް ލިބިފައިވާ އަންދާޒާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދާނީ ދަށްވަމުންނެވެ. މިއާއެކު ދިވެހި ސަރުކާރުގެ އާމްދަނީ 135.9 މިލިއަން ޑޮލަރާ 446.6 މިލިއަން ޑޮލަރާ ދެމެދު މިންވަރަކަށް، މި ހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ.