މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން އެ ގައުމުގެ ނިންމުންތަކަށް ސަމާލުވުމަސް ފޮރިން މިނިސްޓްރީން އެދެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ސްރީލަންކާ ސަރުކާރުން ކޮވިޑް-19 އަށް އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މި މަހުގެ 14 އިން އަންނ އޭޕްރިލް މަހުގެ 12 ވަނަ ދުވަހާ ދެމެދު އެ ގައުމުގައި އުޅޭ ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ 30 ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ސްރީލަންކާގައި ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާ ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، އަންނަ އޭޕްރީލް މަހުގެ 8 ނުވަތަ 9 ވަނަ ދުވަހު، ސްރީލަންކާގެ ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިޝަނަށް ހާޒިރު ވުމަށް ވެސް ސްރީލަންކާ ސަރުކާރުން އެދިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ވީމާ، މި ދުވަސްތަކުގެ ތެރޭގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިކަމަށް ސަމާލުވުމަށާއި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް ފޮރިން މިނިސްތްރީން އެދެއެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.