ގައުމުތަކުން އެކަށީގެންވާ ގޮތެއްގައި ޓެސްޓުކުރުމާ 'ޝަޓްޑައުން' މަރުހަލާތައް ކުރިއަށް ގެންގޮސްފިނަމަ 6 ނުވަތަ 10 ވަރަކަށް ހަފުތާގެ ތެރޭގައި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް ފެންނަމިންވަރު މަޑުޖެހި، މިހާރު ހުއްޓުމަކަށް އައިސްފައިވާ ހަރަކާތްތައް އަލުން ހިންގައިގަނެވޭވަރު ވާނެ ކަމަށް، މަޝްހޫރު މަހުޖަނު އަދި ދާދި ފަހުން މައިކްރޮސޮފްޓް ކުންފުނީގެ ބޯޑު މެމްބަރުކަން ދޫކޮށްލި އެކުންފުނީގެ ބާނީ ބިލް ގޭޓްސް ބުނެފިއެވެ.
މިފަދަ ރޫހެއްގައި ގޭޓްސް ވާހަކަދައްކާފައިވަނީ މިފަދަ މަޝްވަރާތަކަށް ހާއްސަ ޕްލެޓްފޯމެއްކަމަށްވާ ރެޑިޓްގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
ބައިނަލްއަގުވާމީ ބަލިމަޑުކަމެއްގެ ދަރަޖައަށް ގޮސްފައިވާ ކޮވިޑް-19އާ ކުރިމަތިލުމަށް 100 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ތައާރަފުކުރި ގޭޓްސްގެ މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރީ އިޖުތިމާއީ ދުރުހެލިކަން ގެންގުޅުމާ، ވެކްސިންގެ އިތުރުން އިނދަޖެހުމުންދާ އިގުތިސޯދުގެ މައުލޫގެ މައްޗަށެވެ.
އިގުތިސޯދު ހީނަރުވެ އިނދަޖެހެމުންދާ ދިއުމާމެދު ކަންބޮޑުވާކަން ހާމަކުރަމުން ގޭޓްސް ބުނީ، ކޮންމެ ގެއްލުމަކާ މެދުވެސް ވިސްނޭ ކަމަށާ، އެންމެ ކަންބޮޑުވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކާ މެދުގައި ކަމަށެވެ. މި ގައުމުތަކަކީ ތަރައްގީވެފައިވާ ގައުމުތަކާ ހިލާފަށް އިޖުތިމާއީ ދުރުހެލިކަން ގެންގުޅުމުގައި ދަތިތަކެއް ހުންނާނެ ގައުމުތަކެއް ކަމަށާ، މި ގައުމުތަކުގެ ސިއްހީ ނިޒާމުގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ގައުމުތަކެއް ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި އާންމުނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ގޭޓްސް ބުނީ ފުރަތަމަ ކަމަކީ 'ޝަޓްޑައުން' ހާލަތާ އެއްގޮތަށް އަމަލުތައް ބައްޓަން ކުރުން ކަމަށެވެ. މިއީ އިންފެކްޝަން ފެތުރޭ މިންވަރު ކޮންޓްރޯލްކޮށް، ވީ އެންމެ އަވަހަކަށް އާންމު ހާލަތަށް ރުޖޫއަށްވުމަށް އެހީވެދޭނެ މަގުކަންވެސް ގޭޓްސް ވަނީ ފާހަގަކޮށްފައެވެ. މިއީ މީގެ ކުރިން ދެކެފައި ނުވާ ވަރުގެ ކަމެއް ނަމަވެސް، ވީހާވެސް ހަމަޖެހިގެން އުޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަންވެސް ގޭޓްސް ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް-19ގެ ސަބަބުން ގައުމުތަށް ހުއްޓުމަކަށް އައިސްފައި އޮތް އޮތުމުގެ ސަބަބުން އިގުތިސޯދުތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށާ، ނަމަވެސް އެކަށީގެންވާ ގޮތެއްގައި މިހާރު ރަނގަޅު ފިޔަވަޅުތަކެއް އަޅައިފިނަމަ އިގުތުސޯދު ނެގެހެއްޓުމުގެ ފުރުސަތު އެބައޮތްކަންވެސް ގޭޓްސް ވަނީ ފާހަގަކޮށްފައެވެ.
މައިކްރޮސޮފްޓް ކުންފުނިންވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި އޮޕަރޭޓްކުރަމުންދާ އެކުންފުނީގެ ހުރިހާ އައުޓްލެޓްތަކެއް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.