ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ކޮވިޑް-19އިން ރައްކާތެރިކުރުމުގެ ގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލައި، މަރުކަޒުތަކުގައި އައިސޮލޭޝަން ރޫމްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހިޔާތަކާއި ބޮޑެތި މީހުން ބައިތިއްބާ މަރުކަޒުތަކުގައި ތިބި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެއިން ފަރާތަކަށް ރޯގާ ޖެހިއްޖެނަމަ އަދި ހުން އަތުވެއްޖަނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފަރުވާ ކުރުމަށް ގެންދިއުމާއި އަދި އެފަރާތްތަކުގެ ޓެމްޕަރޭޗާ ގަވާއިދުން ބެލޭނެ އިންތިޒާމު މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
ޖެންޑާއިން ބުނީ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ހިޔާތަކުގައި ތިބި ކުދިން އެކަހެރިކުރުމަށް ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ރޫމް، އަދި ފިވަވަތީގައި އައިސޮލޭޝަން ތިން ރޫމް ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމާއި، އެމަޖެންސީ ހާލަތެއްގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ގާއިމުކުރުމުގެ އެންމެހާ ތައްޔާރީތައްވެސް ވަމުން އަންނަ ކަމަށް ޖެންޑައިން ބުނެއެވެ.
ޖެންޑައިން ބުނީ އަތޮޅުތެރޭގައި ނަމަ، އެކަހެރިކޮށް ބެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ސިއްހީ ހިދުމަތްތައް ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން މަރުކަޒުތަކުގެ ވަދެ ނުކުމެވާ ހުރިހާ ދޮރެއްގެ ކައިރީގައި ހޭންޑް ސެނިޓައިޒާ ހަރުކޮށް، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދޭނެ ކަމަށް ވެސް ޖެންޑާއިން ބުނެއެވެ.
މީގެ އިތުރު ޖެންޑާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އިމާރާތްތައް ގަވާއިދުން ސާފުކުރަމާއި އެޗްޕީއޭއާ މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކޮންމެ މަރުކަޒެއްގައި ކަނޑައެޅުމާއި މިނިސްޓްރީއާ މުއާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކޮންމެ ސެންޓަރަކުން ކަނޑައެޅުމާއި ޖެންޑާއަށް ހުށަހެޅޭ މައްސަލަތަކުގައި ހޯމް ވިޒިޓް ހެދުމާ، ކޭސްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް މަސައްކަތް ކުރަން މަދުވެގެން އެއް ސޯޝަލް ވޯކަރު ކޮންމެ ދުވަހަކު މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ނޭވާލާ ނިޒާމުގެ އެއްވެސް ބައްޔެއް މުވައްޒަފުންގެ ފަރާތުން ފެނިއްޖެނަމަ ގޭގައި މަޑުކުރަން އެންގުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ފިންގަޕްރިންޓު ޖެހުމުގެ ބަދަލުގައި، ކާޑު މެޝިން ބޭނުންކުރަންވެސް ނިންމާފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.