ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ކޭސްތައް ދެކުނު އޭޝިއާ ސަރަހައްދުގައި އިތުރުވަމުންދާއިރު، މި ރޯގާގެ ސަބަބުން ގައުމު ނެތި ހިނގައިދާނެ ކަމަށް ވިދާޅުވެ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، އިންތިހާ ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.
މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވިދާޅުވީ، ކޮވިޑް-19އަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގުތުސޯދުތައް ސުންނާފަތިކޮށް ނެތިކޮށްލުވާ ވަރުގެ، ވަރުގަދަ ރޯގާއެއް ކަމަށެވެ. އަދި މަސްރަހު އިތުރަށް ގޯސްވަމުންދާނީނަމަ، ގައުމުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް، އެ ލޯނު ދޫކުރި ފަރާތުން މައާފު ދިނުން ފަދަ ފިޔަވަޅުތައް ބައިނަލްއަގުވާމީ މުޖުތަމައުން އަޅަންޖެހޭ ކަމަށްވެސް އިމްރާން ވަނީ ގޮވާލައްވާފައެވެ.
ޕާކިސްތާނަށް ވަކިން އިޝާރާތްކުރައްވަމުން އިމްރާން ވިދާޅުވީ، ބޮޑު ބަލިމަޑުކަމެއްގެ ދަރަޖާގައި އެގައުމުގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އިންތިހާއަށް ބިރުފުޅުގަންނަ ކަމަށާ، އެ ގައުމުގެ ސިއްހީ ދާއިރާގެ ވަސީލަތްތަކަށް ލޯޑުބޮޑުވެ، އެކަށީގެންވާ ވަސީލަތްތައް ލިބުން ދަތިވެގެންދާނެ ކަމަށެވެ.
ބޮޑު ބަލިމަޑުކަމެއްގެ ދަރަޖާގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ އެފްރިކާގެ ގައުމުތަކާ އިންޑިއާއަށްވެސް ހިފަހައްޓާނުލެވޭނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. ސިއްހީ ދާއިރާގެ ހާލަތާ ވަސީލަތްތަކަށް ބަލާއިރު، އެވަރުގެ ގާބިލިއްޔަތުކަމެއް ނެތްކަންވެސް އިމްރާން ވަނީ ހާމަކުރައްވާފައެވެ.
އިގުތިސޯދީ ނަޒަރަކުން ކޮވިޑް-19އަށް އިޝާރަތްކުރައްވަމުން އިމްރާން ވިދާޅުވީ، ބަލިމަޑުކަން އިތުރަށް ސީރިއަސް ވެއްޖެނަމަ މިހާރުވެސް އިނދަޖެހެމުންދާ އިގުތިސޯދު ނެގެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެއްޔާ މޮޑެވިގެންދާނީ އަތުވެސް ނުޖެހި، އަދި ހުއްޓުވޭނެ ފަދައެއްވެސް ނެތް ގޮތަކަށް ކަމަށެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އިމްރާން ވަނީ، މެދުއިރުމަތީގައި ކޮވިޑް-19ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ގޮވާލާއްވާފައެވެ.
ކޮވިޑް-19އަކީ 2018 ވަނަ އަހަރު ޕާކިސްތާނުގެ ހިންގުމާ ހަވާލުވެވަޑައިގެންނެވި އިމްރާން ހާންއަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު އިމްތިހާނު ކަމަށް އިންޑިއާގެ މީޑިއާއިން ދަނީ ސިފަކުރަމުންނެވެ. މިހާތަނަށް ބަލާއިރު ޕާކިސްތާނުން 307 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، 2 މީހަކު ވަނި މި ބަލީގައި އެގައުމުން މަރުވެފައެވެ.