ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން ދާ ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ދެ ލައްކައިން މައްޗަށް އަރައިފިއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 213669 މީހަކަށް ކޮރޯނާވައިރަސް ވަނީ ޖެހިގައެވެ.

ޔަގީން ފަރުވާއެއް އަދި ހޯދިފައި ނުވާ މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 8700 އަށް އަރާފައެވެ. ބަލިން ސަލާމަތް ވި މީހުންގެ އަދަދު 84000 އަށް އަރާފައި ވާއިރު، ސީރިއަސް ހާލަތުގައި ތިބި 6636 މީހަކު ވަނީ ފާހަގަ ކުރެވިފައެވެ. އަދި ބަލި އެހެނަސް ސީރިއަސް ނޫން މީހުންގެ އަދަދަކީ 113925 އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް ފެތުރޭ ނިސްބަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކަށް ޖެހިގެން ރިޕޯޓު ކުރި ދުވަހަކީ ހުސްވި ފެންރުއަރީ މަހުގެ 12 ވަނަ ދުވަހެވެ. އެދުވަހު އެކަނި 13332 މީހުން ޕޮޒިޓިވް ވެގެން ރިޕޯޓު ކޮށްފައިވެއެވެ.

ފާއިތުވި ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަލި ޖެހޭ މީހުންނާއި، މަރުވާ މީހުންގެ އަދަދު ހުރީ މައްޗަށް ހިފާފައެވެ. ބަލި ޖެހޭ މީހުންގެ ނިސްބަތް މި ހިނގާ މާޗު މަހުގެ 13 އިން ފެށިގެން ހުރީ 10000 އިން މަތީގައެވެ. އަދި މި ބަލީގައި މަރުވާ ނިސްބަތް ފާއިތުވި ހަފްތާގައި ހުރީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ހަމަ އެއާއެކު ބަލިން ރަނގަޅުވާ ނިސްބަތްވެސް ފާއިތުވި ހަފްތާގައި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ދުނިޔޭގެ އެކި ބައްރުތަކަށް ފެތުރިފައިވާ މި ބަލި މިވަގުތު އެންމެ ބާރަށް ފެތުރެނީ ޔޫރަޕުގައެވެ. އަދި މެދު އިރުމަތިން އީރާނުގައި ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މަތިކަން ފާހަގަވެފައި ވާއިރު، އޭޝިއާއިން ރާއްޖެއާ ކައިރި ގައުމުތަކަށްވެސް މި ބަލި މިހާރު ވަނީ ފެތުރިފައެވެ.

ރާއްޖޭން ކޮރޯނާވައިރަސް ފެނުމާއެކު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. އެގޮތުން އަވަހަށް ބައްޔަށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް ގާއިމު ކުރުމާއި، ތަޖުރިބާކާރުންގެ އިރުޝާދު އިތުރު ކުރުމަށް ރާއްޖެއިން ބޭރުގެ ޑޮކްޓަރުންނާ މާހިރުން ގެނައުމާއި، ބަލިން ރައްކަތެރިވުމަށް އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުން ފަދަ މުހިންމު ފިޔަވަޅުތައް ފާހަގަ ކުރެވެއެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިފައިވާ 13 މީހަކު ވަނީ ފާހަގަ ވެފައެވެ. އަދި ގިނަ އަދަދެއްގެ ސާމްޕަލް ޓެސްޓް ކުރަމުން ދާއިރު، ނަތީޖާ ނުލިބޭ 35 ސާމްޕަލެއް އެބަ ހުރި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.