ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އެމެރިކާއިން ޑޮކްޓަރުންގެ ޓީމް ރާއްޖެ އައިސްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޥާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖެއަށް އެމެރީކާއިން ޑޮކްޓަރުންގެ ޓީމް އައިސްފައިވާ ކަމަށެވެ. އެގޮތުން އެމެރީކާއިން 2 ޑޮކްޓަރުންނާއި 2 ނަރުހުންނާއި، އެމްޖެންސީ ރެސްޕޮންސް އެކްސްޕާޓަކާއި، ޕެންޑެމިކް ތަޖްރިބާކާރެއް ހިމެނެއެވެ.

މަބްރޫކް ވިދާޅު، އެމރިކާއިން އައި ޑޮކްޓަރުންގެ ޓީމް މަސައްކަތް ކުރާނީ އެޗްޕީއޭ ޓީމާއެކުގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ދުނިޔޭގެ ފެންވަރުގެ އިމަޖެންސީ ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމް މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. އެ ޓީމްގައި ހިމެނެނީ ހަ މީހުންނެވެ.

އެގޮތުން އޭގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ވައިރަހުގެ އެޑްވައިޒަރީ ގުރޫޕަށް އެހީތެރެވެދޭނެ ދެ ޑޮކްޓަރުންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވައިރަހާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ވިލަރެސްކޮށްދިނުމުގައި އެފަދަ އޮޕަރޭޝަންތަކުގައި ތަޖުރިބާ ލިބިފައިވާ ކޯޑިނޭޓަރަކާއި، ކަރަންޓީން ރަށްތަކުގައި މަސައްކަތް ކުރާނެ ދެ ނަރުހުންނާއި އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ވިލިވަރުގައި ގައިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކީވެސް ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ކަރަންޓީން ފެސިލިޓީއެކެވެ.