ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ކަރަންޓީން ކޮށްފައިވާ މީހުންގެ އަދަދު 82 އަށް އަރައިފިއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވިލިވަރުގައި ކަރަންޓީން ކުރެވިފައި ވަނީ 25 މީހުން ކަމަށާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ކަރަންޓީން ކުރެވިފައި 57 މީހުން ތިބި ކަމަށެވެ.

ކަރަންޓީންގައި 82 މީހަކު ތިބިއިރު، ފަރުކޮލޫފުށީގެ އައިސޮލޭޝަންގައި 15 މީހަކު ތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން މިރޭ މަބްރޫކް ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމަކުން މީހަކު އައި ނަމަވެސް ހޯމް ކަރަންޓީނަށް ލުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ އައިސޮލޭޝަން އަދި ކަރަންޓީން ފެސިލިޓީގެ ޖާގަތައްވެސް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިލިވަރުގެ ޖާގަ 100އަށް ބޮޑު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ދާއިރު، އ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓު ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި ވިލިވަރުގެ ޖާގައަކީ 30 ކޮޓަރިއެވެ. އަދި ފަރުކޮޅުފުށީގެ ޖަގަ އަކީ 50 ކޮޓަރިއެވެ.

މީގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އައިސީޔޫގައި ހުރި އެނދުގެ ޖާގަ 200 އަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އައިސީޔޫގެ ޖާގަ އިތުރު ކުރަނީ ކޮންތާކުކަމެއްވެސް ހާމައެއް ނުކުރެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި 130 ފަތާރެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.