ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެތެރެވާ އެންމެން ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ގައުމަކުން މީހަކު އައިނަމަވެސް އެމީހަކު ކަރަންޓީނަށް ދާން ޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އެހެން ވިދާޅުވެފައި ވާއިރު، އެޗްޕީއޭއިން ފޮނުވާ މެސެޖުގައި އޮންނަނީ، ކަރަންޓީން ކުރަނީ ރާއްޖެ އަންނަ ދިވެހިން ކަމަށެވެ. އެމީހުން 14 ދުވަހަށް ހޯމް ކަރަންޓީނު ކުރާނެ ކަމަށް މެސެޖުގައި ވެއެވެ.
އެ އެސްއެމްއެސްގައި، ކަރަންޓީނު ކުރުމާއި އެކަހެރި ކުރުމާ ހިލާފުވާ ފަރާތްތައް އާންމު ސިއްހަތު ގާނޫނުގެ ދަށުން 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނޭ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ސަރުކާރުން ނިންމައި އެކަން ހާމަ ކުރި އިރު، މިވަގުތު ކަރަންޓީނުގައި 82 މީހުން އެބަތިބި ކަމަށާއި، އެކަހެރި ކުރެވިފައި 15 މީހުން އެބަތިބި ކަމަށް ވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ. ކަރަންޓީނު ކުރެވިފައިވާ މީހުންގެ ތެރެއިން 57 މީހަކު ތިބީ ހުޅުލޭ އައިލެންޑް ހޮޓެލްގައެވެ. 25 މީހަކު ކަރަންޓީނު ކުރެވިފައިވަނީ ވިލިވަރުގައެވެ. އަދި 15 މީހަކު ފަރުކޮޅުފުށީގައި އެކަހެރި ކޮށްފައި ވެއެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ. ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ.