ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ކުރިއަށް އޮތް ހަފްތާއަށް ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނުބާއްވާ ގޮތަށް ނިންމާފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އެ ކޯޓަށް ގުޅޭނެ ނަންބަރުތައް ހާމަ ކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ، ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރުމަށް ނިންމާފައި ވާތީ އެ މުއްދަތުގައި މުހިއްމު ކަމެއްގައި އެ ކޯޓަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި ގުޅޭނެ ގޮތަށް ހަމަޖެހިފައި ވާ ކަމަށެވެ. އެގޮތުން އިދާރީ ކަންކަމުގައި ގުޅޭނެ ފަރާތަކާއި ޝަރުއީ ކަންކަމުގައި ގުޅޭނެ ފަރާތެއްގެ ނަންބަރު ވަނީ ދީފައެވެ.

އިދާރީ ކަންކަމުގައި އެޑްމިނިސްޓްރޭޓިވް އޮފިސާ އަހުމަދު އަންވަރު، 3007349 އަށް ގުޅުމަށާއި، ޝަރުއީ ކަންކަމުގައި އެޑްމިނިސްޓްރޭޓިވް އޮފިސާ އަބްދުﷲ ފާރިސް، 3007318 އަށް ގުޅުމަށް ސުޕްރީމް ކޯޓުން ބުނެއެވެ. ހަމައެއާއެކު އިދާރީ އަދި ޝަރުއީ ކަންކަމުގައި ފޮނުވަން ޖެހޭ ލިޔެކިޔުންތައް [email protected] އީމެއިލަށް ފޮނުވުމަށް ވެސް އެ ކޯޓުން ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ. ސަރުކާރު ހަފްތާއަކަށް ބަންދުކުރުމާއި، ހާއްސަ ހާލަތެއްގައި މެނުވީ ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލަން ނިންމާ، މިއަދުގެ މަޖިލީހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.