ބަލި މީހުންގެ މައުލޫމާތު ހޯދުމަށް އެޗްޕީއޭގައި މަސައްކަތް ކުރާ ހެލްތް ވޯކަރުންނަށް ޕޮލިހުންގެ ނަމުގައި އާންމުންގެ ފަރާތްތަކުން ގުޅަމުންދާ ކަމަށާއި، ލައިކް ހޯދަން ކުރާ އެ މަސައްކަތަކީ ބޮޑުވަރު ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެއިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އަދި ވަކިން ގުޅައިގެންވެސް ވެރިފައި ކުރުމަށް ސޯޝަލް މިޑިއާގައި ޖަހާ ޕޯސްޓްތަކާ ގުޅިގެން ސުވާލު ކުރާ ކަމަށެވެ. އަދި މިކަމާ ހެދި މިހާރު ކޮވިޑް19 އާ ގުޅިގެން ކުރައްވަމުން ދާ މަސައްކަތްތަކުގައި ވަރަށް ބޮޑެތި އުނދަގޫތަކެއް ވަމުންދާ ކަަމަށާއި އުފެދެން ނުޖެހޭ ބިރުވެރިކަން އެކި ތަންތަނުގައި އުފެދޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިކަމާ ހެދި ވަރަށް ނެވިގޭތް ކުރަން އެބަ އުނދަގޫވޭ. އަދި އުފެދެން ނުޖެހޭ ބިރުވެރިކަން އެކިތަންތަނގާއި އެބަ އުފެދޭ. އެބަ ގުޅާ ހެލްތް ވޯކަރުންނަށް ބަލިމީހުންގެ މައުލޫމާތު ހޯދަން މީ ޕޮލިހުންނޭ ކިޔައިގެން. އާންމު ފަރާތްތަކުން. އެހސިާބަށް ކަންތައް ގޮއްސި. ލައިކް ކޮޅެއް ހޯދަން އެއީ ބޮޑުވަރު"
މުހައްމަދު މަބްރޫކް އަޒީޒް

އެގޮތުން މިފަދައިން ޕޯސްޓުތައް ޖަހާ ފަރާތްތަކުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ހިސާބަށް ކަންތައް ދާ ކަމަށާއި އާންމުންގެ ފަރާތްތަކުން ބަލި މީހުންގެ މަުއލޫމާތު ހޮޑުމަށް ހެލްތު ވޯކަރުންނަށް ޕޮލިހުންނަށް ވެގެން ގުޅާ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. ސޯޝަލް މީޑިއާގައި ލައިކް ކޮޅެއް ބޭނުންވެގެން ބަލިމީހާގެ މައުލޫމާތު ހޯދަން އެފަދައިން ގުޅުމަކީ ބޮޑުވަރު ކަމަށް މަބްރޫކް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާލަން މީހެއްގެ ޒާތީ މައުލޫމާތު އެފަދައިން ހޯދަން ގުޅުމާއި މީހެއްގެ ޒާތީ މައުލޫމާތު ހިއްސާ ކުރުމަކީ ގާނޫނީ ކުށެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ސޯޝަލް މީޑިއާގައި "ފޭކް" އެކައުންޓެއް ހަދައިގެން ދޮގު މައުލޫމާތު ފެތުރެމުންދާ އިރު އާންމު ރައްޔިތުން އެ އެކައުންޓް ފޮލޯ ނުކުރުމަށާއި އެ ހަބަރު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޛޭގައި މިވަގުތު ކޮވިޑް-19 ބައްޔަށް ޝާއްކުވާ ފަރާތްތަކާ ގުޅޭ ގޮތުން ސޯޝަލް މިޑިއާގައި އެކި ގޮތަށް އަންނަނީ ހަބަރު ފެތުރެމުންނެވެ. މި ފަދަ ހަބަރުތައް ފެންމަތިވުމުން އެ ހަބަރުތައް ޝެއާކޮށް ހަދާ މީހުން މަދެއް ނޫނެވެ. ތުންތުން މަތިން ވަކި ސަރަހައްދަކަށް ނުދިއުމަށް މީހުން ގޮވާލައި އެ ސަރަހައްދުގައި ކޮވިޑް-19 ބަލި ޖެހިފައިވާ މީހަކު އުޅޭ ކަމަށް މީހުން ވާހަކަ ދައްކާ އިރު އެތައް ބަޔަކު ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ ފަދަ ވާހަކަތައް ހިއްސާ ކުރުމުން ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެންދަނީ ހަމައެކަނި އާންމުންނަށް އެކަންނެއް ނޫނެވެ. މި ކަމުގެ ހަގީގީ ތެދު މައުލުމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ފަރާތަތްކުގެ މަސައްކަތަށް ވެސް މިއީ އެޅިގެންދާ ބޮޑު ހުރަހެކެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހުސް ބިދޭސީންނެވެ. ޖުމްލަ ޕޮޒިޓިވް 13 ކޭސް މިހާތަނަށް އައިސްފައިވާއިރު މި ބަލި ޖެހިފައިވާ މީހުންނާއި އަލާމާތާ އެކު ފަރުކޮޅު ފުށީގައި ތިބި 22 މީހުންގެ ހާލުވެސް މިހާރު ދަނީ ރަނގަޅުވަމުންނެވެ.