ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 5 މީހުންގެ ތެރެއިން 3 މީހުންގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ޑީއެޗް11 ގައި ތިބި 2 ބިދޭސީންނަށް ކަމަށެވެ. އެއީ 70 އަހަރުގެ ހާލު ބޮޑުވި ބިދޭސީ މިހާއާއި އޭނާގެ އަންހެނުންނެވެ.
ކުރިން ޑީއެޗް 11 ގައި ތިބި 4 މީހުންގެ ތެރެއިން 2 މީހުން ދެފަހަރު ހެދުނު ޓެސްޓުތަކުންވެސް ނެގެޓިވް ވެފައިވާ ކަމަށާއި، އަދި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ބަނޑޮސް އައިލެންޑް ރިސޯޓުން ގެނެސް ޑީއެޗް-16 ގައި ފަރުވާދެވުނު މާބަނޑު އަންހެންމީހާގެ ނަތީޖާވެސް ދެފަހަރު ހެދުނު ޓެސްޓުތަކުންވެސް ނެގެޓިވް ވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާބަނޑު އަންހެން މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނެވުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމުން ކަމަށާއި، އަދި އޭނާގެ މަބާނޑުކަމުން ހުރި އުނދަގޫތަކަކާއި ގުޅިގެން ކަމަށް އޭނާ ބުނާތީ ކަމަށް، އެކަން ގާތުން ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާރު އޭޏާ ވަނީ ދުކޮށްލާފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޑީއެޗް11 އިން ފަރުވާދެވުނު ކޮވިޑް-19އަށް ނެގެޓިވްވި ދެފަރާތަކީ ނޭވާލުމުގެ ނިޒާމުގެ މައްސަލަަތަކެއް ހުރެގެން ފަރުވާދެވުނު ދެފަރާތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ބައްޔަށް ނެގެޓިވް ވުމުން މީހަރު އެމީހުން ތިބީ ނޭވާލާ ނިޒާމުގެ އިންފެކްޝަނަށް ފަރުވާދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީކޮވިޑް ރޯގާ ނޫން އެހެން ރޯގާއަކަށް ދޭ ފަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވެފައި ވަނީ 13 ބިދޭސީންނެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި 57 މީހުން ތިބި އިރު ފަރުކޮޅު ފުށީގައި 22 މީހުން އެބަ ތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓްލުގައި މިހާރު ތިބީ ޑީއެޗް11 ގައި 2 ބީދޭސީންނެވެ.