ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމްތަތައް ފެނިގެން ރާއްޖެއިން ބޭރުން އައި ތިން ދިވެއްސެއްގެ ސާމްޕަލް ނަގައިފާވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އެއީ ސ.މަރަދޫން ދެ މީހަކާއި ތ.ގުރައިދޫ މީހެއް ކަމަށެވެ. މަރަދޫގެ ދެ މީހުންނަކީ މެލޭޝިއާއިން އައި މީހަކާއި އިންޑިއާއިން އައި ދިވެއްސެކެވެ.

މަބްރޫކް ވިދާޅުވީ މެލޭޝިޔާއިން އައި މީހާ ރާއްޖެ އައިސްފައި ވަނީ މެލޭޝިޔާ އިން ރާއްޖެއަށް މީހުން އައުން މަނާކުރުމުގެ ކުރިން ކަމަށެވެ. ގުރައިދޫ މީހާ އަކީ އިންޑިއާއިން އައިސްފައިވާ މީހެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ތިން މީހުންވެސް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ވައިރަހުން އަރައިގަތުމަށްޓަކައި އިތުރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން، ކިރިޔާވެސް ވައިރަހަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަ މީހެއް ނަމަ ޓެސްޓުކުރަން މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން ބޭރު ގައުމުތަކަށް ދަތުރުކޮށްފައި އައި އިތުރު ހަތް ދިވެއްސަކު ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، ޓެސްޓް ހެދުމަށް ސާމްޕަލް ނަގައި ގޭގައި މިހާރު ވަނީ އެކަހެރިކޮށްފައެވެ. އެ ހަތް މީހުންގެ ތެރެއިން ފަސް މީހަކު އައިސްފައިވަނީ ކޮވިޑް-19 ފެތުރެމުން އަންނަ އަވައްޓެރި އިންޑިއާއިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ޓްރިވިންޑްރަމް އިން އައި ދ. ކުޑަހުވަދޫ މީހަކާއި އއ. އުކުޅަސް މީހަކާއި ކޮޗިން އިން އައި ސ.ހިތަދޫ މީހަކާއި ރ. ފައިނު މީހަކާއި ބެންގަލޫރުން އައި މާލެ މީހެއްގެ އިތުރުން ލަންކާއިން އައިސްފައިވާ މާލެ މީހަކާއި ޅ.ހިންނަވަރު މީހެެއް ކަމަށް ރޭ ބެއްވި ޕްރެސްގައި މަބްރޫކަ ވަނީ ވިދާޅުވެފައެވެ. މި ަފރާތްތަކުގެ ނަތީޖާ އަދި ނުލިބެއެވެ.

މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 13 ބިދޭސީންނެވެ.