ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ އަށް ދިވެއްސަކާއި ދެ ބިދޭސީއެއްގެ ގައިން ކޮރޯނާގެ އަލާމާތްތައް ފެނި، އެ މީހުން އެކަހެރިކޮށް ރަށް މޮނީޓާ ކުރަން ފަށައިފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާލުވީ ޕެރެޑައިޒުން މި ބައްޔަށް ޝާއްކުވާ އަލާމާތްތައް ފެނިގެން 10 މީހަކު ޓެސްޓު ކުރަމުންދާ ކަމަށެވެ.
ވިލާގެ ރިސޯޓެއް ކަމަށްވާ ޕެރައިޑައިސް އައިލެންޑް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، އާމްދަނީ ދަށަށް ދިޔުމާއެކު، ވިލާ އިން ވަނީ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެހެން ހުރިހާ ޕްރޮޕަޓީއެއް ވަގުތީގޮތުން ބަންދުކުރުމަށް ނިންމާފައެވެ.
އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައި ވަނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި 519 ސާމްޕަލެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.